ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ނިންމަވާފައިވާކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. މިއަދު ބޭއ...

21 Jan 2024 | 13:51

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ނިންމަވާފައިވާކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ނިންމުންތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ކުރަންޖެހޭ ސަރވޭ އެއް ކޮށް، އެ މައުލޫމާތު އެއްކުރުމަށް ކެބިނެޓް ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ކަރުސާސް ކެބިނެޓަށް ހުށަހެޅީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ގުޅިގެން ކަމަށެވެ.

ނާޒިމް ވިދާޅުވީ ކޮންމެ މުޖުތަމައެއްގައި ވެސް ދޮށީ އުމުރުގެ ފަރާތްތަކާ ހާއްސަ އެހީއާއި އަޅާލުންތައް ބޭނުން ފަރާތްތަކަކީ މުޖުތަމައުގެ ވަރަށް މުހިންމެ ބައެއް ކަމަށާއި ގައުމެއް ތަރައްގީވެ ކުރިއަރަމުން ދާއިރު އެ ފަރާތްތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށް މި ކަރުދާހުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ބެލެނިވެރިކަމުގެ ދަށުން މުޅި ރާއްޖޭގައި މިހާރު ލިބިފައި ހުރި މައުލޫމާތު އިތުރަށް ތަރައްގީކުރުމަށާއި އިތުރު މައުލޫމާތު ހޯދައި ދެނެގަތުމަށްޓަކައި ސަރވޭއެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާއިރު، މި ސަރވޭ ކުރިއަށްގެންދަވާނީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓްގެ ފަރާތުން ދައުލަތުގެ ކަމާ ގުޅުން ހުރި އެހެން އިދާރާތައް ޝާމިލްކުރައްވައިގެން އެކުލެވޭ ޓެކްނިލަން ޓީމަކުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި އޮންނަނީ ކުދި އާބާދީތައް އޮންނަ ރަށްތަކާއި ބޮޑު އާބާދީތައް އޮންނަ ރަށްތައް ކަމުން، ދެ އާބާދީތަކަށް ވެސް ރިއާޔަތްކޮށްގެން ފަސޭހައިން އަވަހަށް މިކަން ކުރެވޭނެ ނިޒާމެއް ކުރިއަށް ގެންދާނެ ގޮތާ މެދުވެސް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

"އެގޮތުން އާބާދީގައި 1000 އަށްވުރެ މަދު ރަށްތަކުގައި ސަރވޭ ކުރިއަށްގެންދާނީ ރަށު ކައުންސިލްތަކުގެ އިރުޝާދާއި އެހީތެރިކަމާ އެކުގައި އެބޭފުޅުންގެ ފަރާތުން. އެއަށްވުރެ ބޮޑެތި އާބާދީތަކުގައި ވޮލިންޓިއަރުންގެ އެހީތެރިކަމާއެކު ސަރވޭ ކުރިއަށް ގެންދިއުމަށް އުސޫލެއް ކަނޑައެޅުމަށްވެސް ނިންމުނު." ނާޒިމް ވިދާޅުވިއެވެ.

ސަރވޭ އިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި، ދައުލަތުގެ ނިޒާމުގެ ތެރެއަށް މިހާރު ނުވަދެ ހަވާސްވެފައި ތިބި ދޮށީ އުމުރުގެ މީހުންނާއި ހާއްސަކޮށް އަޅާލަން ޖެހޭ ހާލުގައި ތިއްބެވި ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަނެ، އެމީހުންނަށް އެންމެ ފުރަތަމަ މަރުހަލާގައިވެސް ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެވި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ފޯރުކޮށްދޭނެ ނިޒާމެއް ކަނޑައެޅުމަށްވެސް ނިންމަވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ދޮށީ އުމުރުފުރައިގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު އެއްތަނަކުން ބަލައި ޓްރެކް ކުރެވޭނެ ސޮފްޓްވެއަރ އެއް އަޕްގްރޭޑް ކުރުމުގެ ކަންކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ ގޮތަށްވެސް ނިންމަވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަން މޮނިޓަރކުރުމަށް މިހާރުވެސް އެކުލަވާލާފައިވާ ނިޒާމް ހަރުދަނާކޮށް، ބޭނުންވާ ހިދުމަތްތަކުގެ ނިޒާމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ގާއިމްކުރުމަށްވެސް ވަނީ ނިންމަވާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް