ރ.އުނގޫފާރުގައި އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރެއް ހުޅުވައިފި

ރ.އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ލަރނިންގ ސެންޓަރެއް ހުޅުވައިފިއެވެ. އުނގޫފާރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ލަރނިންގ ސެންޓަރު ހުޅުއްވައިދެއްވީ ދިވެހިރާއ...

21 Jan 2024 | 10:12

ރ.އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ލަރނިންގ ސެންޓަރެއް ހުޅުވައިފިއެވެ. އުނގޫފާރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ލަރނިންގ ސެންޓަރު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރެވެ.

އައި.ޔޫ.އެމްގެ ލަރނިންގ ސެންޓަރު ގާއިމްކޮށްފައިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މަރުހޫމް ޑރ.އަފްރާޝީމް ޢަލީ ގެ އުފަން ރަށަށް ކަމަށްވާ ރ.އުނގޫފާރުގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވި ގޮތުގައި، މަރުހޫމް ޑރ.އަފްރާޝީމް ޢަލީ ފަދަ އަގުހުރި ޚިދުމަތްތެރި ދީނީ ޢިލްމުވެރިއެއްގެ ހަނދާނުގައި އަދި އެމަނިކުފާނުގެ އުފަން ރަށުގައި ބިނާކޮށްފައިވާ މިފަދަ އިސްލާމީ މަރުކަޒެއްގައި އެމަނިކުފާނު ތައުލީމު ހާޞިލުކުރެއްވި އަދި އުސްތާޛެއްގެ ގޮތުގައި އެތައް އަހަރެއްވަންދެން ކިޔަވައިދެއްވާފައިވާ ޔުނިވަރސިޓީގެ ސެންޓަރެއް ހުޅުވިގެންދާކަމީ ތާރީޚުގައި ލިޔެވިގެންދާ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރުންވެސް، ޢިލްމު އުނގެނުމުގެ މުހިއްމު ކަމާއި ޢިލްމުގެ އެހީގައި މީހުންގެ ދިރިއުޅުމާއި ނަފްސުގެ ތަރައްޤީއަށް ގެނެވޭ ހެޔޮ ބަދަލުގެ މައްޗަށްވެސް ވައިސް ޗާންސެލަރގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މި ޖަނަވަރީ މަހުގެ ތެރޭގައި އައި.ޔޫ.އެމްގެ އުނގޫފާރުގައި 5 ކޯހެއް ފެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް އައި.ޔޫ.އެމް އިން މައުލޫމާތުދެއެވެ. އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަން، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ، ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ، ކުއްލިއްޔާ އޮފް ޢަރަބިކް ލެންގުއޭޖް އަދި ސެންޓަރ ފޮރ ކޮންޓިނިއުއިން އެޑިއުކޭޝަން އިން ގިނަ ދާއިރާތަކުން ފުޅާދާއިރާއެއްގައި ކޯސްތައް ހިންގައެވެ.

މި މަރުކަޒުގައި ކޯސްތައް ހިންގުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އައި.ޔޫ.އެމް އާ ހަވާލުކޮށްފައިވަނީ 28 ނޮވެމްބަރ 2023 ވަނަ ދުވަހުއެވެ. އައި.ޔޫ.އެމް ލަރނިންގ ސެންޓަރުގައި 4 ކްލާސްރޫމާއި އިދާރީ އޮފީހަކާއި ލައިބްރަރީ އެއް ޤާއިމްކޮށްފައިވެއެވެ. އަދި މި މަރުކަޒަކީ ދަރިވަރުން ކިޔެވުމަށް ފަހި މާހައުލަކަށް ހެދުމަށް އިތުރު ވަޞީލަތްތައް ޤާއިމްކުރުމަށް ޔުނިވަރސިޓީން މަސައްކަތް ކުރަމުންދާކަމަށް އައި.ޔޫ.އެމް އިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި އައި.ޔޫ.އެމް ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، އުނގޫފާރު ކައުންސިލްގެ ރައީސް އާއި ފުލުހުންގެ ރ.އަތޮޅު ކޮމާންޑަރާއި ރ.އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އާއި ރ.އަތޮޅު ކައުންސިލް، އުނގޫފާރު ކައުންސިލް، އުނގޫފާރު ސްކޫލް އަދި އުނގޫފާރު ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާއި މުވައްޒަފުން އަދި އާންމުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް