ގއ.ވިލިނގިލިން ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮއްވާ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ އެ ކުއްޖާ އުފުލުމުގައި ސަރުކާރުގެ އިހުމާލު އޮތްކަން އިދާރާތަކުން މިހާތަނަށް ނެރެފައިވާ ބަޔާންތަކުން ހާމަވާކަމަށް ވިދާޅުވެފައެވެ. އަދި ކުއްޖާ މާލެ ގެނައުމަށް މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ލަސްވިއިރު، އިމެޖެންސީގައި އިންޑިއާގެ ޑޯނިއަރ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރި ސަބަބު ސާފުވާން ޖެހޭކަމަށް އެ މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.
ކުއްޖާ މާލެ ގެނައުމަށް ޑޯނިއަރ ނުވަތަ ހެލިކޮޕްޓަރު ބޭނުން ނުކުރުމުން އެކަމާ ނުރުހުން ފާޅުކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ސަރުކާރާ ދެމެދު ހީނަރުވެފައި އޮތް ގުޅުމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް އާސަންދައާއި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުވުމަށް ރޮޒެއިނާ ވަނީ ގޮވާލާފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ސައުދު ވިދާޅުވީ ކުއްޖާގެ ހާލަތު ދަށްވެގެން، ރައްޔިތުން އިހުތިޖާޖު ކުރަމުން ދިޔައިރުވެސް ފިޔަވަޅު އެޅުން އިންތިހާއަށް ލަސްވެގެން ދިޔަ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމުގައި ވާއިރު، އިމަޖެންސީ ވަސީލަތްތައް ލިބެން އޮއްވާވެސް ގަސްދުގައި އެ ވަސީލަތްތައް ބޭނުން ނުކުރި ކަމުގެ ތުހުމަތު ސައުދު ވަނީ ސަރުކާރަށް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ އިމަޖެންސީ ހާލަތުގައި ބަލި މީހުން އުފުލުމުގައި އަމަލުކުރާނެ ނިޒާމެއް ކަނޑައެޅިފައިވޭތޯއާއި އެ ނިޒާމަކީ ކޮބާތޯ ބަލާނެ ކަމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ޑޯނިއަރ އާއި ހެލިކޮޕްޓަރު ބޭނުންކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި ސާފުކުރާނެ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، އިމަޖެންސީ ހާލަތްތަކުގައި ބޭސް ފަރުވާގެ ބޭނުމަށް ބަލިމީހުން އުފުލުމުގައި ޝެޑިއުލް ދަތުރުތަކަށް ވުރެ، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް