ސަރުކާރުގެ އިހުމާލުން އަނެއްކާވެސް ދިވެހި ދަރިއެއްގެ ފުރާނަ ގެއްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގއ. ވިލިނގިލީގައ ސްޓްރޯކެއް ޖެހި ހާލު ދެރަވި 13 އަހަރުގެ ކުޑަކުއްޖެއް ފަރުވާ ދިނުމަށް މާލެ ގެނައުން ސަރުކާރުގެ ސީދާ އިހުމާލުން 16 ގަޑިއިރަށް ވުރެ ލަސްވެ އެ ކުއްޖާގެ ފުރާނަ ގެއްލިފައިވާތީ އެ ޕާޓީން ހިތާމަކުރާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު، އެ ވަސީލަތްތައް ބޭނުން ކޮށްފައި ނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީ އިން ބުންޏެވެ. އަދި އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ފަސްނުޖެހި ބޭނުންކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
"މިއީ ދިވެހި ދަރިއެއްގެ ފުރާނައަށްވުރެ އަމިއްލަ ސިޔާސީ މަސްލަހަތު ސަރުކާރުން އިސްކުރި ދެވަނަ ފަހަރު. ސަރުކާރުން ގޮތްދޫނުކުރުމުގެ އަގަކީ މައުސޫމު ދިވެހި ޅަދަރިންގެ ފުރާނައަށް މިއަދު މިވަނީ ވެފައި." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން އެ ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގައި ކަމަށާއި، މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް