ގއ.ވިލިނގިލީ 13 އަހަރުގެ ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްކުރުމުގައި އިހުމާލުތަކެއް ވެފައިވާކަމަށާއި، އެކަން ބަލައި ޖަވާބުދާރީކުރުވުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުއްޖާ އިމަޖެންސީކޮށް އުފުލުމުގައި ކަން ހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައިވާ ވާހަކަތަކުން ވެސް އެކަމުގައި އިހުމާލުވެފައިވާކަން އެނގޭ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްއްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދިވެސް ލިބެން ނެތުމާއެކު، ބަލިހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އަބަދުވެސް އިނގޭއިރު، ބަލިމީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާއެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުންޏެވެ. އަދި އެންމެ ފަހުން މި ހިނގި ހިތާމަވެރި ހާދިސާއިން އެނގެނީ އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނެތްކަން ކަމަށް ބުންޏެވެ.
ދަ ޑިމޮކްރެޓްސް އިން ބުނީ މި ފަހަރު މި ދިމާވި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރި މައުލޫމާތުން އެނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގާ، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ ޕާޓީން ގޮވާލާކަމަށެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި، ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި، ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ދަ ޑިމޮކްރެޓްސް އިން ބުނީ ގއ. ވިލިގިލިން ބަލިހާލަތު ބޮޑުވެގެން ކުއްޖާ އަވަހަށް މާލެ ގެންދިއުމަށް އެ ރަށުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވާފައި ވަނިކޮށް، އެގޮތަށް އަމަލުކުރުން ލަސްކުރުމުގެ ސަބަބުން އެކުއްޖާ ނިޔާވި ހިތާމައިގައި އެ އާއިލާއާއެކު އެ ޕާޓީން ބައިވެރިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް