ގއ.ވިލިނގިލިން ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަން އުޅުނު ކުއްޖާ ނުގެނެވި ލަސްވީ ޝެޑިއުލް ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް އާސަންދައިން ބުނެފިއެވެ.
އާސަންދައިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހާދިސާ ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ކިޔާދީފައެވެ. އެގޮތުން ގއ.ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖާ މާލެ ގެނައުމަށް އާސަންދަ އަށް ރިކުއެސްޓް ލިބުނީ 18 ޖަނަވަރީ 2024 ވަނަ ދުވަހުގެ ފަތިހު 5:03 ގައި ކަމަށާއި، ރިކުއެސްޓް ލިބުމާއެކު އާސަންދައިގެ މެޑިކަލް ޓީމުން 12 މިނެޓުގެ ތެރޭގައި ކޭސް ޕްރޮސެސްކޮށް އެޕްރޫވްކޮށްފައިވާނެ ކަމަށް ބުންޏެވެ. އަދި ފަތިހު 05:19 ހާއިރު އާސަންދައިގެ ކަސްޓަމަރ ސަރވިސްގެ ސްޓާފުން ވަނީ އެޕްރޫވަލް ލިބުނުކަން ހޮސްޕިޓަލަށް އަންގައި، ފްލައިޓް ލިބެން ހުރި މިންވަރު ބެލުމަށް އަންގާފައިކަމަށް ބުންޏެވެ.
ކޫއްޑޫ އެއާޕޯޓުން މާލެ އަންނަން އެންމެ އަވަހަށް އޮތް ޝެޑިއުލް ފްލައިޓް އޮތީ ޖެހިގެން އައި ދުވަހު، 19 ޖަނަވަރީ 2024 ގެ ފަތިހު 5:55 ގައި ކަމުން، ވަގުތުން ޗާޓަރު ފްލައިޓެއް ހަމަޖެއްސުމުގެ އިންތިޒާމްތައް ފަށައިގަތް ކަމަށް އާސަންދައިން ބުންޏެވެ. ހެނދުނު 08:57 ގައި ޗާޓަރު ފްލައިޓް ގަޑިތައް މޯލްޑިވިއަން އިން ލިބުމާއެކު، ކޫއްޑޫ އެއާޕޯޓަށް 14:55 ގައި ޖެއްސުމަށް ފަހު 18 ޖެނުއަރީ 2024 ވީ ބުރާސްފަތި ދުވަހުގެ 16:20 ގައި އެނބުރި މާލެ އައުމުގެ އިންތިޒާމް ހަމަޖެއްސި ކަމަށް އާސަންދައިން ބުންޏެވެ.
ހޮސްޕިޓަލުން 18 ޖަނަވަރީ ދުވަހުގެ ހެނދުނު 11:18 ގައި އެދުނު ފަދައިން، ގއ.ވިލިނގިލިން ކޫއްޑޫ އެއާޕޯޓަށް ބަލި ކުއްޖާ ގެންދިއުމަށް އެމްއެންޑީއެފްގެ ސީ އެމްބިއުލާންސްގެ ހިދުމަތް 14:45 އަށް ހަމަޖެއްސި ކަމަށްވެސް އާސަންދައިން ބުންޏެވެ. އެއާއެކު 11:40 ގައި ކޫއްޑޫ އެއާޕޯޓުން އާސަންދައަށް އެންގީ މާލެއިން ކޫއްޑޫއަށް ޝެޑިއުލް ފްލައިޓެއް އެބަ އޮތް ކަމަށާއި އެ ފްލައިޓުގައި ހުސް ގޮނޑިތައް ހުރުމުގެ ސަބަބުން ކޫއްޑޫއަށް ފްލައިޓް ޑައިވާޓުކޮށް، އެ ފްލައިޓުން އެންމެ އަވަސްވެގެން 13:50 ގައި ބަލި ކުއްޖާ ގެންދެވޭނެ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ރާވާފައި އޮތް ގޮތަށް ފްލައިޓް ޑައިވާޓު ނުކުރެވުނީ ކަމަށް އާސަންދައިން ބުންޏެވެ.
ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ޗާޓާރު ފްލައިޓެއް އިންތިޒާމުކޮށް، ޖެނުއަރީ 18 ވަނަ ދުވަހު ކޫއްޑޫ އެއާޕޯޓުން 16:35 ގައި ފުރައިގެން ބަލި މީހާ މާލެ ގެނައީ 17:15 ގައެވެ.
މި ހާދިސާއާ ގުޅިގެން އިމަޖެންސީ ހާލަތްތަކުގައި ބޭސް ފަރުވާގެ ބޭނުމަށް ބަލިމީހުން އުފުލުމުގައި ޝެޑިއުލް ދަތުރުތަކަށް ވުރެ، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް