އިމަޖެންސީ ކޭސްތަކުގައި ބަލި މީހުން އުފުލުމަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި

އިމަޖެންސީ ހާލަތްތަކުގައި ބޭސް ފަރުވާގެ ބޭނުމަށް ބަލިމީހުން އުފުލުމުގައި ޝެޑިއުލް ދަތުރުތަކަށް ވުރެ، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފިއެވެ. އުސޫލ...

21 Jan 2024 | 06:20

އިމަޖެންސީ ހާލަތްތަކުގައި ބޭސް ފަރުވާގެ ބޭނުމަށް ބަލިމީހުން އުފުލުމުގައި ޝެޑިއުލް ދަތުރުތަކަށް ވުރެ، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފިއެވެ.

އުސޫލަށް ބަދަލުގެނެސްފައި މިވަނީ ގއ.ވިލިނގިލިން ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވުމާ ގުޅިގެން، ބަލި މީހުން އުފުލާ ނިޒާމް އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކަމާ ބެހޭ އިދާރާތަކަށް އަންގަވާފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަން ޖެހޭ ފަރާތް އުފުލާ ގޮތަށް މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި ހޮސްޕިޓަލަކުން އިމަޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ އިމަޖެންސީގައި އުފުލަން ޖެހޭ ފަރާތް އުފުލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ކަމަކީ އެއަރ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރުން ކަމަށާއި، 1 މާރިޗު 2024 ގައި އެ ހިދުމަތް ފެށިގެން ދާނެ ކަމަށެވެ.

ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް