ގއ.ވިލިނގިލިން ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވުމާ ގުޅިގެން، ބަލި މީހުން އުފުލާ ނިޒާމް އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކު ކަމަށެވެ. މި ހިތާމަވެރި ވަގުތުގައި، މަރްޙޫމް މުޙައްމަދު ޖާހު ޚާލިދުގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއެވެ.
މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ނިޔާވި ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ކުއްޖާ ނިޔާވީ ސަރުކާރުން އިންޑިއާގެ ޑޯނިއަރ ބޯޓު ހަމަޖައްސައި ނުދިނުމުން މާލެ ގެނައުން ލަސްވެގެންނެވެ. ސަރުކާރުން ޑޯނިއަރގައި އެކުއްޖާ މާލެ ގެނައުމަށް ދެކޮޅު ހެދުމުގެ ނަތީޖާއެއްގެ ގޮތުން އިތުރު ފްލައިޓެއް ޗާޓަރުކުރަން 16 ގަޑިއިރު ލަސްވެ، އެންމެ ފަހުން އެ ކުއްޖާ ގެއްލުނީ ހިތާމަވެރި ގޮތަކަށް ކަމަށް އާއިލާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް