އަހަރެމެން ބޮޑެތިމީހުން ކަންކަމާ ރުޅި އިސްކޮށް ހަދާ ފަދައިން ކުޑަކުދިންވެސް ރުޅި އަންނާނެއެވެ. ބައެއް ކުދިން ބައެއް ދުވަސްކޮޅު ހޭލާއިރުވެސް ސަބަބެއް ނޭނގި މާބޮޑަށް ރުޅިއައިސްފައި ހުންނާތީ ފެނިދާނެއެވެ.
ކުޑަކުދިން ބޮޑެތިމީހުނާ ޚިލާފަށް ރުޅިއަންނަ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑު ބޮޑުވަމުން އަންނައިރު ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާކަމެއްކަމަށް ވެސް ވެދާނެއެވެ. މޫޑު ބަދަލުވުމާއި ކަންކަމާމެދު ވާނުވާ ރަނގަޅަށް ނޭނގުންވެސް ރުޅިއަންނަ ސަބަބަކަށް ވެދާނެއެވެ.
އެއްވެސް ޒާތެއްގެ ސްޓްރެސްއަކަށް ދިޔުމަކީ ވެސް ރުޅި އިސްކުރެވޭ ސަބަބެކެވެ.
ބައެއްކުދިންގެ ޝަޚުޞިއްޔަތުގައި އަނެއްބައިކުދިންނަށް ވުރެ ފަސޭހައިން ރުޅި އިސްކުރުމުގެ އާދަހުރެއެވެ. އެއީ މާބޮޑަށް އެމޯޝަނަލް ކުދިންނާއި، އިޙްސާސްތަކުން މާފަސޭހައިން އަސަރުކުރާ ކުދިންނެވެ.
ބައެއް ކުދިންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން ތަންކޮޅެއް ދަށްވެދާނެއެވެ. ހަމަ އެގޮތައް އެކުދިންގެ ވަށައިގެން ދިރިއުޅޭ މީހުންނަކީ މާ އަވަހަށް ރުޅިގަދަވެ އެމޯޝަނަލްވާ ބައެއްކަމުގައި ވާނަމަ ކުދިންގެ ގައިގައިވެސް މި ސިފަތައް ހަރުލާނެއެވެ.
ރުޅިއަކީ ބާރުގަދަ އިޙްސާސްއެކެވެ. ވަރަށް ގިނަ ކުދިންނަށް ރުޅި މެނޭޖްކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. އެކަން ރަނގަޅުކުރުމަށްޓަކައި ކުދިންނަށް އެކުދިންގެ ނަފްސު ދެނެގަތުމާއި ނަފްސު ކޮންޓްރޯލް ކުރަން ދަސްކޮށްދޭން ޖެހޭނެއެވެ. މި ހުނަރުތައް ދަސްކުރުމަށް ވަގުތުވެސް ނަގާނެއެވެ.
އަވަސް އަވަހަށް ރުޅިއަންނަ ކުދިންގެ ފަރާތުން އެކުދިންގެ ކިބައިން އެ ކަންތައް ފިލުވާލުމަށް އަވަސް ޙައްލެއް ލިބިދާނެކަމަށް އުއްމީދު ނުކުރާށެވެ. ދަސްކުރަން ވަގުތު ނަގާނެއެވެ.
އަމިއްލަ ނަފްސު ދެނެގަތުމަކީ، އެކުދިންގެ އިޙްސާސްތަކާއި ވިސްނުން އެކުދިންނަށް އެގޭވަރެއް އަމިއްލައަށް ދެނެގަތުމުގެ ޤާބިލުކަމެވެ. އަދި ވަކިކަމަކާމެދު ވިސްނަނީ ކީއްވެގެން ކަންވެސް ކުއްޖާއަށް އެނގުމެވެ. ކުޑަކުދިންނަށް އެކުދިންގެ ޢިޙްސާސްތައް ދެނެގަންނަން ވަރަށް އުނދަގޫވާނެއެވެ. އެކުދިންގެ ސުލޫކުގައި ހުންނަގޮތަކަށް ޢަމަލުތަކުން ފެންނާނެއެވެ. ނަމަވެސް ޓީންއޭޖަށް އަޅައިގެން އަންނައިރު އަމިއްލަ ނަފްސު ދެނެގަތުމުގެ ޤާބިލްކަން ހުންނާނެއެވެ.
އެހެންކަމުން ރުޅިއަންނަ ވަގުތު އެކުދިންގެ ވިސްނުން ހުންނަގޮތެއް ދެނެގަންނަން އެކުދިންނަށް ދަސްކޮށްދެވޭތޯ ބަލަންވާނެއެވެ.
ނަފްސު ކޮންޓްރޯލް ކުރުމަކީ ކަމެއް ކުރުމުގެ ކުރިން އެކަމަކާއި މެދު ވިސްނައި ދެނެގަތުން ކަމުގައި ބުނެދޭށެވެ.
ރުޅިއައިސްގެން ކަމެއް ކުރަން ޤަސްދުކުރުމާއި އެކަމެއް ކުރުމާ ދެމެދުގެ ވަގުތުކޮޅަކީ އަގުބޮޑު ވަގުތުކޮޅެއް ކަމުގައި ހަނދާންކޮށްދޭށެވެ.
ރަނގަޅަށް ވިސްނިއްޖެނަމަ ދެރަވާކަހަލަކަމެއް ކުރުމުން އެކުދިން ދުރުހެލިވާނެއެވެ.
ކުދިންނަށް ދަސްކޮށްދެވޭތޯ މަސައްކަތް ކުރަންވީ ތިމާ ރުޅި ކޮންޓްރޯލް ކުރުމަށެވެ. ރުޅިއަކީ ތިމާ ކޮންޓްރޯލްކުރާ އެއްޗަކަށް ވިޔަ ނުދޭން ބުނެދޭށެވެ. ރުޅި އައިސްގެން ކޮންޓްރޯލުން ނެއްޓި އެކިކަހަލަ ކަންތައް ކުރާ ކުދިންނަކީވެސް އަޞްލު އެފަދަ ކަންތައްތައް ކުރާހިތްވާ ކުދިންނެއް ނޫނެވެ. އެފަދަކަމެއް ހިނގުމުން އެކަމާ އެކުދިންވެސް ދެރަވެއެވެ. އެއީ އެކުދިންގެ އަޞްލު ސުލޫކުކަމަށް ދެކޭކަށްވެސް ބޭނުމެއް ނުވާނެއެވެ.
ކޮންމެ ކުއްޖެއްގެ މި ސުލޫކު ވެސް ބަދަލު ކުރެވިދާނެއެވެ. ނަމަވެސް އެންމެ ފުރަތަމަ އެކަން ބަދަލުކުރަން ބޭނުންވާކަން އެކުއްޖެއްގެ އަމިއްލަ ނަފްސުން ބުނަން ދަސްކޮށްދޭށެވެ.
ރުޅި ކޮންޓްރޯލް ކުރަން ބޭނުންވާ ކުއްޖާއަށް ވިސްނައި ދެވޭތޯ ބަލަންވީ އެކަން ކޮންޓްރޯލް ކުރެވިއްޖެނަމަ އެކަމުން އެނާއަށް އޮތް އުފަލާ ހިތްހަމަ ޖެހުމެވެ. އެއީ ވަށައިގެން އުޅޭ ގިނަ މީހުންގެ ލޯތްބާއި އިޙްތިރާމް ލިބޭނެ ކަމެއް ކަމުގައި ބުނެދޭށެވެ.
އަދި ކަންކަމާ ހިތްހަމަ ނުޖެހިގެންއުޅޭ ވަގުތު މަދުވާނެ ކަމާއި ދިރިއުޅުމުގައި މަޑުމައިތިރިކަމާއި ހިތްހަމަ ޖެހުން ލިބޭނެ ކަމެއް ކަމުގައި ބުނެދޭށެވެ. މިފަދަ ރަނގަޅު ބަދަލަކީ ނުވާނެކަމެއް ނޫންކަން ވިސްނައިދޭށެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމަށް ހިތްވަރެއްލައި މަސައްކަތެއް ކޮށްލައިގެންކަން ބުނެދޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް