ބޮޑީ ގާޑުންނަކީ ހަމައެކަނި 5 އަހަރުގެ މުއްދަތަށް ސިޔާސީ ބަޔަކަށް ޚިދުމަތްކުރާ ބަޔަކަށް ވެގެން ނުވާނެ: މާރިޔާ

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ބޮޑީގާޑުންނަކީ، ހަމައެކަނި 5 އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ޚިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ނުޖެހި، ވީހާވެސް...

21 Jan 2022 | 09:39

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ބޮޑީގާޑުންނަކީ، ހަމައެކަނި 5 އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ޚިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ނުޖެހި، ވީހާވެސް ޕްރޮފެޝަނަލްކޮށް، ޤާބިލްކަމާއެކީ މަސައްކަތްކުރާ ބަޔަކަށްވުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

މިނިސްޓަރ މާރިޔާ މިކަމަށް ގޮވާލެއްވީ، މިއަދު ހެނދުނު ސަދަރން އޭރިއާގެ ޓްރެއިނިންގ ސްކޫލްގައި ބޭއްވި، އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަޞައްވުރަކީ، ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރު ލިބިފައިވާ، ފަންނީ، ޤާބިލް، ޕްރޮފެޝަނަލް، ފައިޓިންގ ފިޓް ފޯރސްއަކަށް ހެއްދެވުންކަމުގައި ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން 2015 ވަނަ އަހަރުން ފެށިގެން، ބޮޑީގާޑު ޓްރެއިނިންގ ކޯސް ނުބާއްވާތާ 5 އަހަރު ފާއިތުވެފައި ވަނިކޮށް، 2020 ވަނަ އަހަރު، ކޯވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައިވެސް، އެކޯސް އިޔާދަކޮށް، 2021 ގައިވެސް އެކޯސް ކާމިޔާބުކަމާ އެކީ ހިންގާފައިވަނީ، ރައީސް ޞާލިޙުގެ ތަޞައްވުރު ޙާސިލްކުރުމުގެ ތެރެއިންކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން ޓެރަރިސްޓު ޙަމަލާގައި، އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ ހިތްވަރާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްގެ ފުރިހަމަ ނަމޫނާއިން މިސާލު ނެގުމަށް ކޯހުގެ ދަސްވެނިންނަށް އިލްތިމާސްކުރައްވާފައެވެ.

ބޮޑީގާޑުންގެ މަސައްކަތަކީ އެއްވެސް ޙާލަތެއްގައި ފަސޭހަ މަސައްކަތެއް ނޫންކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ މުއައްސަސާއަކުން ނުކުމެ، ސިޔާސީ އެކި ލީޑަރުންގެ އަރިހުގައި 24 ގަޑިއިރު މަސައްކަތްކުރާއިރު، ޕަރސަނަލް ސެކިއުރިޓީ އޮފިސަރުން އިސްކަންދޭންވާނީ ސިޔާސީނުވެ، ވީހާވެސް ފުރިހަމަޔަށް، އެމީހުންނާ ހަވާލުކުރެވިފައިވާ ވީއައިޕީ ބޭފުޅެއްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށް ކަމަށެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، އެމްއެންޑީއެފް ސަދަރން އޭރިޔާގައި ޙަރަކާތްތެރިވާ އެކި ރޭންކުގެ ސިފައިންވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް