ލުޤްމާނުލް ޙަކީމް އަކީ ކޮން ބޭކަލެއް؟

ކީރިތި ޤުރުއާނުގައި އެބޭކަލުންގެ މަގު އިޚުތިޔާރުކޮށް މިސާލީ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތަބާވާންޖެހޭ ޝަޚްޞިއްޔަތުތަކެއް ވެއެވެ. އޭގެ ތެރެއިން އެއްބޭކަލަކީ ސަލާމްލެއްވި ލުޤްމާންގެފާނެވެ. ލުޤުމާންގެ...

21 Jan 2022 | 09:35

ކީރިތި ޤުރުއާނުގައި އެބޭކަލުންގެ މަގު އިޚުތިޔާރުކޮށް މިސާލީ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތަބާވާންޖެހޭ ޝަޚްޞިއްޔަތުތަކެއް ވެއެވެ.

އޭގެ ތެރެއިން އެއްބޭކަލަކީ ސަލާމްލެއްވި ލުޤްމާންގެފާނެވެ.

ލުޤުމާންގެފާނުގެ އެންމެ ޚާއްޞަ ސިފައަކީ އެކަލޭގެފާނުގެ ޙިކުމަތްތެރިކަމެވެ.  އެކަލޭގެފާނުގެ ނަންފުޅާމެދު ޢިލްމުވެރިންގެ ތެރޭގައި އިޚްތިލާފު އެބަހުއްޓެވެ. އެކަލޭގެފާނަކީ: ލުޤުމާން ބުން ބާޢޫރާ، އިބްނު ނާޙޫރު، ބުން ތާރިޚް (ބުން ތާރިޚް އަކީ ސަލާމްލެއްވި އިބްރާހީމްގެފާނުގެ ބައްޕާފުޅު އާޒަރު ކަމުގައި ބުނެވެއެވެ.)

ލުޤްމާން ބުން ޢަންޤާ ބުން މަރްވާން (އެކަލޭގެފާނަކީ އީލާގެ އަހުލުވެރިންގެ ތެރެއިންވާ ބޭކަލެއްކަމުގައި ވެސް ބުނެވެއެވެ.)

އެކަލޭގެފާނަކީ ސަލާމްލެއްވި އައްޔޫބުގެފާނުގެ އުޚުތުގެ ދަރިކަލެއްކަމުގައި ވެސް އަދި އައްޔޫބުގެފާނުގެ ބޮޑުބޭބޭގެ ދަރިކަލެއްކަމުގައި ވެސް ބުނެވެއެވެ.

ލުޤްމާންގެފާނަކީ ނަބީބޭކަލެއްކަމާ މެދު ނުވަތަ ޞާލިޙު އަޅުވެރިއެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އެބަހުއްޓެވެ.

އަދި އެކަލޭގެފާނަށް ނަބީކަމާއި ޙިކްމަތްތެރިކަމާ މި ދެކަމުންކުރެ ކަމެއްގެ އިޚްތިޔާރު މާތް ﷲ އެކަލޭގެފާނަށް ދެއްވުމުން ޙިކްމަތްތެރިކަން އިޚްތިޔާރުކުރެއްވިކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

އެކަލޭގާނުގެ ނަންފުޅަށް ނިސްބަތްވާ ސޫރަތެއް ޤުރުއާނުގައި ވެއެވެ. އެއީ ސޫރަތު ލުޤްމާންއެވެ. އެކަލޭގެފާނު ނަންފުޅު ޤުރުއާނުގައި ބަޔާންވުމުގެ އިތުރުން އެކަލޭގެފާނަށް މާތް ﷲ ޙިކްމަތް ދެއްވިކަން ވެސް ޤުރުއާނުގައި ވެއެވެ. އެކަން ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ. ލުޤުމާން ސޫރަތުގައި މާތް ﷲ ވަޙީކުރައްވައެވެ. ﴿وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ حَمِيدٌ  ﴿١٢﴾ މާނައަކީ، ‎

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ލުޤްމާންގެފާނަށް ޙިކްމަތް ދެއްވީމެވެ. އަދި ﷲ އަށް ޝުކުރު ކުރުމަށް އެންގެވީމެވެ. އަދި ޝުކުރު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޝުކުރު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި ކާފިރު ވިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، ﷲ އީ، ފުދިވޮޑިގެންވާ، ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.

ލުޤްމާންގެފާނުގެ ޙިކްމަތުގެ ގޮތުގައި އެކަލޭގެފާނު ދެއްވާ ފިލާވަޅުތައް އައިސްފައިވަނީ އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވާ ނަޞޭޙަތްތަކެއްގެ ގޮތުގައެވެ. މިގޮތުން އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭހަތްތަކުގެ ތެރޭގައި، ޢަޤީދާގެ މައްސަލަތަކާއި، އަޚުލާޤާއި، އިޖްތިމާޢީ ކަންތައްތަކާއި، ދީނަށް ދަޢުވަތު ދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް