އެފްރިކާގެ ޤައުމެއް ކަމުގައިވާ ބުރުންޑީ އާއި އެކު ދިވެހިރާއްޖެ އިން އިއްޔެ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ.
މިއީ ދެ ޤައުމުގެ މަސްލަހަތު އޮންނަ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ފަހިވެގެންދާނެ މަގެއް ކަމުގައި ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ކުދި ޤައުމުތަކުގެ ހައިސިއްޔަތުން ބައިނަލްއަޤުވާމީ މައިދާނުގައި އެކުވެރިވުމަކީ މުހިއްމު ކަމެއް ކަމުގައެވެ.
އެކުވެރި ޤައުމުތަކާއެކު ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ހާރިޖީ ސިޔާސަތުގެ މުހިއްމު އަސާސެއް ކަމުގައި އެ މިނިސްޓްރީން ހާމަކުރެއެވެ.
ބުރުންޑީ އާއި އެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރެވިގެން ދިޔުމާއި އެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުގެ އަދަދު 179 އަކަށް މިވަނީ އަރާފައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. ބުރުންޑީގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ފަރާތުން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޒޭފީރިން މަނިރަޓަންގާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް