ބިލްބާއޯ އަތުން ބަލިވެ ބާސާ ސްޕެނިޝް ކަޕުން ކެޓިއިރު، ރެއާލް މޮޅުވެ ކުއާޓާއަށް

ސްޕެނިޝް ކަޕުގެ ގަދަ 16 ގައި ރޭ އެތްލެޓިކޯ ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެ މުބާރާތުން ކެޓިއިރު، އެލްޗޭ އަތުން މޮޅުވެ ރެއާލް މެޑްރިޑް މުބާރާތުގެ ކުއާޓާ އަށް ދަތުރު ކޮށްފިއެވެ. ބިލް...

21 Jan 2022 | 06:47

ސްޕެނިޝް ކަޕުގެ ގަދަ 16 ގައި ރޭ އެތްލެޓިކޯ ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެ މުބާރާތުން ކެޓިއިރު، އެލްޗޭ އަތުން މޮޅުވެ ރެއާލް މެޑްރިޑް މުބާރާތުގެ ކުއާޓާ އަށް ދަތުރު ކޮށްފިއެވެ.

ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުން ބާސާ ބަލިވީ 3-2 ގެ ނަތީޖާއިންނެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ކުޅުން ފެށުނުތަނާހެން މެޗުގެ ދެވަނަ މިނެޓުގައި ބިލްބާއޯ އިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ފެރާން ޓޯރޭސް ވަނީ ލަނޑެއް ޖަހައިދީ ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފު ފަށައިގެން މެޗުގެ 86 ވަނަ މިނެޓުގައި މާޓިނޭސް ކާމިޔާބު ކޮށްދިން ލަނޑުން ބިލްބާއޯއިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތު ގައި ބާސާއިން ވަނީ ލަނޑު ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މެޗުގެ 93 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެޑްރީއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް ދެޓީމު އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެގޮތުން ބިލްބާއޯ މޮޅުވި ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އީކާ މުނިއައީންއެވެ.

ސްޕެނިޝް ކަޕުގައި ރޭ އެލްޗޭއާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުން އެޓީމު މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވެސް ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތު ކުޅެގެންނެވެ. ރޭގެ މެޗުގައި ރެއާލްގެ ލަނޑުތައް ޖަހައިދިނީ އިސްކޯ އާއި ހަޒާޑު އެވެ. އެލްޗޭގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ ވަޑޫއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް