އެންމެ ޅައުމުރުން ފެށިގެން އެޒްމާ ނުވަތަ ނޭވާ ހިއްލާ ބަލި ޖެހޭ ކުޑަކުދިން ފުރާވަރު އުމުރުފުރާގައި އާއި އޭގެ ކުރިން ނުވަތަ ޒުވާން އުމުރުގައި އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކަން ޖާނަލް އޮފް ރެސްޕިރޭޓަރީ އެންޑް ކްރިޓިކަލް ކެއާ މެޑިސިން އިން ކުރި ދިރާސާގެ ނަތީޖާގައި ބުނެފައިވަނީ ކުޑަ އިރު ނޭވާ ހިއްލާ ބަލި ޖެހޭ ކުދިން ޅައުމުރުގައި ނުވަތަ ފުރާވަރު އުމުރުގައި އާދަޔާހިލާފަށް ނުވަތަ ނުރައްކާތެރިކަން ބޮޑު މިންވަރަށް ފަލަކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މި ރޭޓުން ދާނަމަ މިހާރު ކުޑަކުދިންގެ ތެރެއިން ނޭވާ ހިއްލާ ބަލިޖެހިގެން ފަލަފާ ކުދިންގެ ނިސްބަތް ކުރިޔަށް އޮތް 10 އަހަރު ތެރޭ 51 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ.
މިދިރާސާގައި ދެ ހާހަށްވުރެ ގިނަ ޕްރީ ސްކޫލް ކުދިންނާއި ގްރޭޑް އެކެއްގައި ތައުލީމް ހާސިލް ކުރާ ކުދިން ބައިވެރިކޮށް ސުވާލުކޮށް، ސިއްހީ ހާލަތު ދެނެގަނެފައިވެ އެވެ. އޭގެ ތެރެއިން 13.5 ޕަސެންޓު ކުދިންގެ ނޭވާ ހިއްލާ ބަލި ހުރި އިރު އޭގެ ތެރޭގައި ހިމެނޭ ފަލަ ނޫން ކުދިންގެ 15.8 ޕަސެންޓު ކުދިން، ދިހަ އަހަރު ތެރޭގައި ނުރައްކާތެރި މިންވަރަށް ފަލަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެ ދިރާސާ ކުރި ފަރާތުން ބުނީ ނޭވާ ހިއްލާ ބަލި ޖެހޭ ކުދިންނަށް ރައްކާތެރި ގޮތެއް ދިރާސާއިން ފާހަގަވެފައިނުވާ ކަމަށެވެ. އެއީ ނޭވާ ހިއްލާތި ކާންޖެހޭ ބޭހުގެ ސަބަބުން އިތުރަށް ފަލަވާކަން ފާހަގަވެފައިވާ ކަމަށާއި ބޭސް ނުކެޔަސް އެ ބަލީގެ ސަބަބުންވެސް ކުދިން ފަލަވާނެ ކަމަށެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމަކީ ނޭވާ ހިއްލާ ބަލި ޖެހުމަށް މަގުފަހިވާ ކަމެއްކަމަށްވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
އެ ދިރާސާގައި ބުނެފައިވަނީ ނޭވާ ހިއްލާ ބަލީގެ ސަބަބުން ފަލަވާ ކުދިންނަށް ކުޑަ އިރު ހަކުރު ބަލީގެ ދެ ވައްތަރެއް ޖެހުން އަވަސްވާނެ ކަމަށެވެ. އަދި އެކަންކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކުދިންނަށް ސިއްހަތަށް ފައިދާ ހުރި ކާނާ ދޭން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް