ރައީސް އުޅުއްވަނީ ވައްކަމާއި ހިޔާނާތަކީ އާދައިގެ ކަމަކަށް ހަދައިގެން އޮޅުވާލަން: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ ވައްކަމާއި ހިޔާނާތަކީ އާދައިގެ ކަންކަމަށް ހަދައިގެން ރައްޔިތުންނަށް އޮޅުވާލަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީން މިހެން ބުނެފަ...

21 Jan 2017 | 07:31

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ ވައްކަމާއި ހިޔާނާތަކީ އާދައިގެ ކަންކަމަށް ހަދައިގެން ރައްޔިތުންނަށް އޮޅުވާލަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަށް ވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ވެސް ކޮރަޕްޝަނަށް ޖާގަ އެބައޮތް ކަމަށް ރައީސް ޔާމީން ވިދާޅުވުމުންނެވެ. ރައީސް އެރޭ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް ޔާމީން އެހެން ވިދާޅުވީ ސަރުކާރުން ކޮށްފައިވާ ބޮޑެތި ވައްކަންތަކާއި ހިޔާނާތުގެ މައްސަލަތަކުން ސަރުކާރުގެ ވެރިން ސަލާމަތްވެވޭނޭ ގޮތެއް ހޯދުމަށް ކަމަށާއި މިހާރު މިފެންނަނީ ވައްކަމާއި ހިޔާނާތަކީ އިންސާނުންގެ ތޮބީއަތުގައިވާ ކަންތައްތަކެއް ކަމަށް ދައްކައި ހިޔާނާތުގެ ނުބައިކަން ކުޑަކަމެއްގެ ގޮތުގައި ސިފަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާތަން ކަމަށެވެ. އަދި އެކަންތައްތަކަކީ މުޖުތަމައުއިން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ނޫންކަމަށް ސިފަކުރައްވާތަން ފެންނަމުން ދާ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވަނީ މި ސަރުކާރުން ކަން ފާހަގަ ކުރަމުން އެމްޑީޕީން ބުނެފައިވަނީ އެކަން ތަހުގީގު ނުކޮށް ތޮބީއަތާ ގުޅުއްވުމަކީ މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ހިލާފު، ބިރުހުރި ކަމެއް ކަމަށެވެ. ރައީސް އަބްދުﷲ ޔާމިން މީގެ ކުރިން ވެސް އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ހިލާފު އެތަކެއް ވާހަކަފުޅުތަކެއް ދައްކަވާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މުދަލާއި ފައިސާ ލިބިގަންނައިރު ހަލާލެއް، ހަރާމެއް ބަލަން ނުޖެހޭނޭކަމަށް ދޭހަވާގޮތަށް ދަށުދަރަޖައިގެ ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި ފައިސާ ދީގެން ހިލޭ އަންހެނުންނާއެކު ހިންގާ ޖިންސީގުޅުމަކީ ހަލާލު ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާފައިވެއެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ އެގޮތަށް ވާހަކަދެއްކުން ހުއްޓާލުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް