ކުނި އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހަލަވެލި ރިސޯޓުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ "ރޭވަ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެ...

21 Jan 2017 | 06:51

ހަލަވެލި ރިސޯޓުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ "ރޭވަ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ގާތްގަނޑަކަށް 09:00 ހާއިރު މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުންގެ ޓީމަކާއެކު ކޯސްޓްގާޑް ލޯންޗް ވެލާނާ ވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ. އަދި މިހާދިސާގައި ރޯވެފައިވަނީ ދޯނީގެ އިންޖީނު ރޫމުގައެވެ. އަދި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން އެދޯނީގައި ހުރި ފަޔަރ އެސްޓިންގުއިޝަރ ފުޅި ބޭނުންކޮށްގެން ކަމަށެވެ.

މިހާދިސާގައި ދޯނީގެ އިންޖީނު ރޫމާ ދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ދޯންޏަކީ ހަލަވެލި ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ރޭވަ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދޯނީގެ އިންޖީނު ރޫމުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި ފަޔަރމަނުންގެ ޓީމުން ވަނީ ހަރަކާތްތެރިވެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް