ޖަމާޢަތް ހަދައިގެން ސަރުކާރުގެ މުދަލުން ވައްކަންކުރި މީހަކު 3 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފައިވަނީ މާލެ، މމޚ. ދަފްތަރު ނަންބަރު 75، ނަޒުމް އާދަމް (25އ) ގެ މައްޗަށެެވެ.
ދަޢުލަތުން އޭނާގެ މައްޗަށް ޖަމާޢަތް ހަދައިގެން ސަރުކާރުގެ މުދަލުން ވައްކަންކުރުމުގެ ދަޢުވާ އުފުލާފައިވަނީ، ނަޒުމް އާދަމް އިތުރު މީހަކާއެކު 2012 އޭޕްރީލް 25 ވަނަ ދުވަހުގެ 04:00 ހާއިރު، ޤައުމީ ދާރުލް އާސާރަށްގޮސް، ދާރުލްއާސާރުގައި ބަހައްޓާފައި ހުރި ރިހި 2 ފައްޓަރުބަޔާއި، ދާރުލްއާސާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ 720 ޖީބީގެ ހާޑް ޑިސްކަކާއި، 360 ޖީބީގެ ހާޑް ޑިސްކަކާއި، 8 ޖީބީގެ ނެނޯ އައިޕޮޑަކާއި، ސޮނީ ބްރޭންޑްގެ ޕީއެސްޕީއަކާއި، ވަޅިއަކާއި މުށި ތައްޓަކާއި، ބުކް މާކަކާއި، ވަކި ލާރި ދަޅަކާއި، ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުން މި ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ.
އެހެންކަމުން، މިއީ ނަޒުމް އާދަމް މައްޗަށް މިބާވަތުގެ ކުށެއް ޝަރީޢަަތަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، 6 މަސްދުވަސް، އަދި ނަޒުމް އާދަމް މި ވައްކަން ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ކަމަށްވާތީ، 6 މަސްދުވަސް، އަދި ނަޒުމް އާދަމް ވައްކަންކޮށްފައިވަނީ ސަރުކާރުގެ މުދަލުންކަމަށްވާތީ،2 އަހަރުދުވަސް، އެކުޖުމްލަ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް