ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މަދު ކުރުމަށް މިދިޔަ އަހަރު 9000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ބޭރު ކުރެވުނު ކަމަށާއި މިއަހަރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 15000 ބިދޭސީން ރާއްޖެއިން ބޭރު ކުރުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިމިދިޔަ 2014 ވަނަ އަހަރަށް އަމާޒު ކަނޑައެޅީ ގަވާއިދާ ހިލާފަށް އުޅޭ 7000 ބިދޭސީން ރާއްޖެއިން ބޭރު ކުރުމަށް ކަމަށެވެ. އަދި މިދިޔަ އަހަރުގެ އަމާޒުކުރި ވަރަށްވުރެގިނައިން ބިދޭސީން ބޭރު ކުރެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި މިއަހަރު 15000 ބިދޭސީން ބޭރު ކުރަން އަމާޒުކަނޑައެޅީ މި މައްސަލައިގެ ބޮޑުކަމުން ކަމަށެވެ.
" މިއަހަރު އަޅުގަނޑުމެން ބޮޑަށް މި އަމާޒު ކުރަނީ އަތޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް، ކައުންސިލްތަކާ ފުލުހުންނާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމަށް ކައުންސިލްތަކާ މަޝްވަރާ ކުރެވެމުން އެބަދޭ" އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ބޭރުކުރުމުގެ އިތުރުން ރާއްޖެއަށް ބިދޭސީން އެތެރެކުރާ ނުވަތަ އެތެރެވާ އުސޫލުތައް ހަރުދަނާ ކުރުމަށްވެސް މިއަހަރު ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. ޓޫރިސްޓްވިސާގައި ރާއްޖެއައިސް މަސައްކަތް ކުރުމުގެ ފުރުސަތު ހަނިކުރުމަށް އެކިގައުމުތަކާ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި އަދި ރާއްޖެ އައުމުގެ ކުރިން "ހެލްތު ސްކްރީނިން" ކަންކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މީގެ 10 އަހަރު ކުރިންވެސް ކުރި ކަމެއް އެއީ ރާއްޖެ އައުމުގެ ކުރިން ހެލްތު ސްކްރީނިންގެ ހެއްދުން، ނަމަވެސް އޭރު އެކަން ކުރީ އެހާ ހަރުދަނާ އުސޫލަކުން ނޫން، ކޮންމެ ހޮސްޕިޓަލަކުން ހެލްތު ސްކްރީން ކުރިޔަސް އޭރު ގަބޫލުކުރޭ، މިހާރު މަޝްވަރާ ކުރެވެމުންދަނީ އިތުބާރު ހިފޭ ވަކި ފަރާތެއް މެދުވެރިކޮށް ގައުމުތަކުން ރާއްޖެ އައުމުގެ ކުރިން ހެލްތު ސްކްރީނިން ހެއްދޭނެ އިންތިޒާމެއް ގާއިމް ކުރުމަށް" އޮފިޝަލް ވިދާޅުވި އެވެ.
މި އަހަރަށް އާ ލަނޑުދަނޑިތަކަކާއެކު ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރުމަށް އިމިގްރޭޝަނުން އަމާޒުހިފާފައިވާއިރު މިދިޔަ ހަފްތާގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި "ވޯކް ޕާމިޓް" އަތުގައި ނެތް 104 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ އެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސުވާލުކުރިއިރު ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް އެ ބިދޭސީންގެ އަތުގައި ނެތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް