ފަލަސްތީނު ޖަމާއަތާއި އިޒްރޭލުން އަނެއްކާވެސް ހަނގުރާމަ ހުއްޓާލުމަށް ޝަރުތުތަކަށް އެއްބަސްވެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާއިރު، ޣައްޒާ ހަނގުރާމައާ ގުޅޭ މަޝްވަރާތަކަށް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ ގާހިރާއަށް ވަޑައިގެންފިއެވެ.
އިސްމާއިލް ހަނިއްޔާ މިސްރުގެ ވެރިރަށަށް ވަޑައިގެންނެވީ ގާހިރާގެ ޖާސޫސީ ވެރިޔާ އާއި މިސްރުގެ އިސް މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މިސްރުގެ އެހެން އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށެވެ. އިޒްރޭލުގެ އޮފިޝަލުން ވަނީ އެމެރިކާ އާއި ގަތަރުގެ މަންދޫބުންނާ އެކު ބޭއްވި މަޝްވަރާތަކުގައި ތެލްއަވީވް ހަނގުރާމައިގެ އެއްބަސްވުމަކަށް ހުޅުވާލެވިދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.
ހަމާސްގެ އޮފިޝަލަކު ބުނީ ޣައްޒާގައި ހަމަލާދިނުން ހުއްޓުވުމާ ބެހޭ ގޮތުން ހަނިއްޔާ މަޝްވަރާ ކުރަން ރާވާފައިވާ ކަމަށެވެ. ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ހުއްޓުވުމަށް އިޒްރޭލާއި ފަލަސްތީނުގެ ޖަމާއަތަށް އެއްބަސްވުމަކަށް އައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބާރު އަޅަމުން އަންނައިރު، އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާތަކުގައި 7،729 ކުޑަކުދިންނާއެކު ގާތްގަނޑަކަށް 20،000 މީހުން މަރުވެ، 1.9 މިލިއަން މީހުން ގެދޮރު ގެއްލި، ފެނާއި ކާބޯތަކެއްޗާއި ބޭސް ބޭނުންވެފައިވެއެވެ.
ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހަނގުރާމަ މެދުކަނޑާލުމުން، ބައިނަލްއަޤްވާމީ އެޖެންސީތަކަށް ވަނީ ފަލަސްތީނަށް ވަރަށް ބޮޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.
އިޒްރޭލުން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުގެ ސަރަހައްދަށް ހަމާސް ޖަމާއަތުން ދިން ހަމަލާއެއްގައި އިޒްރޭލުގެ 240 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން އިޒްރޭލުން ގެންދަނީ ޣައްޒާއަށް ހަމަލާދެމުން، ހަމާސް ނައްތާލަން ޖެހޭ ކަމަށް ބުނަމުންނެވެ. ނަމަވެސް ދާދި ފަހުން ދެ ފަރާތުން ވަނީ މިސްރާއި ގަތަރުގެ މެދުވެރިކަމާއެކު، އަނެއްކާވެސް ހަނގުރާމަ ހުއްޓާލުމާއި އިތުރު ގައިދީން މިނިވަން ކުރުމުގެ މަގްސަދުގައި މަޝްވަރާތައް ފަށައިފައެވެ.
ގާހިރާގައި ކުރިއަށްދާ މި މަޝްވަރާތަކުގައި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމުގެ އެއްބަސްވުމެއްވެސް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގާރަ ދުވަހު ގައިދީންގެ އާއިލާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މީހުންގެ ގާތް ތިމާގެ މީހުން އަނބުރާ ގައުމަށް ގެނައުމަށް ޑިޕްލޮމެޓިކް ގޮތުން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އިޒްރޭލުގެ އިންޓެލިޖެންސް ޗީފް، ގަތަރުގެ ބޮޑުވަޒީރާއި އެމެރިކާގެ ސީއައިއޭގެ ވެރިޔާއާ ދެމެދު ވޯސާގައި ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއް ވެސް ހިމެނެއެވެ.
އެ ބައްދަލުވުމަކީ ވަރަށް ރަނގަޅު ބައްދަލުވުމެއް ކަމަށް ދޯހާއިން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ހާޝިމް އަހެލްބަރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ގަތަރުގެ މަޝްވަރާވެރިން މިހާރު މަޝްވަރާތައް އަލުން ފެށުމުގެ ގާބިލްކަމާ ބެހޭ ގޮތުން ހަމާސް އާއި އިޒްރޭލާ ވެސް ގުޅަމުން އަންނަ ކަމަށެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެލްއަވީވް އިން ގެންދަނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ބަލިވެފައިވާ ކޮންމެ މީހަކު ވެސް ހަމާސް އިން މިނިވަން ކުރުމަށް އިންސާނީ އެއްބަސްވުމެއް ހަދަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެފަދަ ޖަމާއަތެއްގެ އަދަދު 30-40 އަށް އަރާނެއެވެ.
ނަމަވެސް އިޒްރޭލު ސަރުކާރުގެ ހަރުކަށި ފިކުރުގެ މީހުންނާއި އަސްކަރީ އޮފިޝަލުންގެ ނަޒަރު ހުއްޓިފައި ވަނީ އިތުރު މަސްތަކެއް ވަންދެން ހަނގުރާމަ ކުރުމަށެވެ. އަމިއްލަ ގައުމުގައި ސިޔާސީ ގޮތުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވާ ނަތަންޔާހޫ ވަނީ ހަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބެއް ލިބެންދެން އިޒްރޭލުގެ އަސްކަރީ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ހަމާސް ޖަމާއަތުން ބުނީ އިޒްރޭލުގެ ބޮމުގެ ހަމަލާތައް ނިމެންދެން އިތުރު ބަޔަކު ދޫކޮށްނުލާނެ ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރަބްޑޮލަހިއަންއާ ވާހަކަ ދައްކަވަމުން ހަނިއްޔާ ވަނީ އެ ޖަމާއަތުން އެހެން އެއްބަސްވުމަކަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެ، އެ މަގާމުގައި ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވެފައެވެ.
"ހަމާސް އިން ބުނަނީ މިފަހަރުގެ އެއްބަސްވުމަކީ ހަމައެކަނި ގައިދީން ބަދަލުކުރާ އެއްބަސްވުމެއް ނޫން ކަމަށް. އެއީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ މައްޗަށް ބިނާވާން ޖެހޭ އެއްބަސްވުމެއް."
ހަމާސްގެ އޮފިޝަލް ގާޒީ ހައްމާދު ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއެކު ގައިދީން ބަދަލުކުރުމާ ގުޅޭ ގޮތުން ބޮޑު އެއްބަސްވުމެއް އެކުލަވާލުމަށް ހަމާސް އޮތީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން ވަރަށް ސާފު. ހަރުކަށި ފިކުރު ހުއްޓުވަން ބޭނުންވޭ." އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހަމަނުޖެހުންތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމަކީ ހަމާސް ނުވަތަ ފަލަސްތީނުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިވުމާއި މީހުން މެރުމުގެ އާ ބުރެއް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަހަރެމެން މި މެޗެއް ނުކުޅޭނަން."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް