ފެނުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް ނުރައްކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު

އިޒްރޭލުން ކެނޑިނޭޅި ބޮމުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި ސާފު ފެނާއި ސާފުތާހިރުވުމުގެ ހިދުމަތް ލިބުން މަދުވުމަކީ ޣައްޒާގެ ކުޑަކުދިންނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އދ...

20 Dec 2023 | 13:13

އިޒްރޭލުން ކެނޑިނޭޅި ބޮމުގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި ސާފު ފެނާއި ސާފުތާހިރުވުމުގެ ހިދުމަތް ލިބުން މަދުވުމަކީ ޣައްޒާގެ ކުޑަކުދިންނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ބުނެފިއެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ދެކުނުގެ ސަރަހައްދުގައި ތިބި ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ މީހުންނަށް ދުވާލެއްގެ މައްޗަށް ލިބެނީ އެންމެ 1.5-2 ލީޓަރުގެ ފެން ކަމަށް އދ.ގެ އެޖެންސީން ބުދަ ދުވަހު ވަނީ ބުނެފައެވެ. އަދި އެހީ ފޯރުކޮށްދިނުން މަދުވުމާއި އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ ސަބަބުން ކުރިމަތިވެފައިވާ މި ކާރިސާގެ ސަބަބުން ގިނަ އަދަދެއްގެ ނިކަމެތި ކުދިންނަށް ބަލީގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ވެސް ބުންޏެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެތައް ލައްކަ ބަޔަކު، ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ރަފާހު ސިޓީއަށް ބަދަލުކޮށްފައިވާއިރު، އެމީހުންނަށް ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި ބޭހާއި ރައްކާތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ޔުނިސެފުން ބުނެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ބެލެވޭއިރު، އެ ސިޓީގެ ފެނާއި ސާފުތާހިރުވުމުގެ ނިޒާމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ.

ޔުނިސެފުން ބުނީ ދިރިހުރުމަށް ދުވާލެއްގެ މައްޗަށް 3 ލީޓަރު ފެން ބޭނުންވާ ކަމަށެވެ. ދޮވުމާއި ކެއްކުމަށް ބޭނުންވާ ފެން ވެސް ގުނާނަމަ އެ އަދަދު 15 ލީޓަރަށް އަރައެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވީ އެކަށީގެންވާ މިންވަރަށް ސާފު ފެން ނުލިބޭ ކަމަށާއި ޣައްޒާގެ ކުޑަކުދިންނަށް ސާފު ފެން ބޯން ލިބެނީ ވަރަށް މަދުން ކަމަށެވެ.

ކުޑަކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ފެން ބޭނުންކުރަން ޖެހެނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ނުރައްކާތެރި ވަސީލަތްތަކުންނެވެ. ރައްކާތެރި ފެނެއް ނެތި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެތައް ކުދިންނެއް ނިކަމެތިކަމާއި ބަލީގައި މަރުވެދާނެ ކަމަށް ޔުނިސެފް އިން ބުންޏެވެ.

ރައްކާތެރި ނޫން ފެން ބޭނުންކުރުމާއި ސާފުތާހިރުކަން ނެތުމަކީ ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކާއި ޑީހައިޑްރޭޝަން އަދި ނިއުޓްރިޝަންގެ ނުރައްކާ ކުދިންނަށް ކުރިމަތިވާ ކަމެއް ކަމަށް ޔުނިސެފުން ބުނެއެވެ.

ރަސެލް ވިދާޅުވީ ޣައްޒާގެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ފޯރުކޮށްދެވުނު އާލާތްތަކާއި ސަޕްލައިތަކުން ނުފުދޭ ކަމަށެވެ.

"އަބަދު ބޮމުގެ ހަމަލާދިނުމާއި، އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާ ސާމާނާއި ތެލަށް ހުރަސް އެޅުމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކަށް ހުރަސް އެޅޭ. ހަލާކުވެ ތަޣައްޔަރުވެފައިވާ ފެނުގެ ނިޒާމުތައް މަރާމާތު ކުރުމަށް މި ތަކެތި މިހާރުން މިހާރަށް ބޭނުންވޭ."

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކަށް ފަހު އިޒްރޭލުން ނުހައްގުން ބޮން އެޅުމުގެ ކެމްޕޭން ފެށުނީއްސުރެ ޑޮކްޓަރުންނާއި އެހީދޭ ފަރާތްތަކުން އަންނަނީ ބަލިތަކާއި ބަލިމަޑުކަން ފެތުރިދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ޑައިރިއާ ޖެހޭ މިންވަރު 66 ޕަސެންޓް އިތުރުވެ 59،895 އަށް ވަނީ އަރާފައެވެ.

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ޑަބްލިއުއެޗްއޯއިން މެނިންޖައިޓިސް، ޗިކަންޕޮކްސް، ޖަންޑިސް އަދި އަޕަރ ރެސްޕިރޭޓަރީ ޓްރެކްޓް އިންފެކްޝަންގެ ކޭސްތައް ވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ ޣައްޒާގެ ސިއްހީ ނިޒާމާއި އެހެނިހެން ހިދުމަތްތައް ވެއްޓުމާ ގާތްވެފައިވާތީ އެ އަދަދުތަކުން ފުރިހަމަ ތަސްވީރެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް