ސިޔާސީ އިސްވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ ގޮތް ކުޑަ އަމަލެއް: ސައިފް

މަޖިލިސް އަގުލަބިއްޔަތު ބޭނުންކޮށްގެން އަމިއްލަ މުސާރަ ބޮޑުކުރަން އެމްޑީޕީ މަޖިލިސް މެމްބަރުން ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ، ގޮތްކުޑަ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލެ ސިޓީގެ މޭ...

20 Dec 2023 | 12:27

މަޖިލިސް އަގުލަބިއްޔަތު ބޭނުންކޮށްގެން އަމިއްލަ މުސާރަ ބޮޑުކުރަން އެމްޑީޕީ މަޖިލިސް މެމްބަރުން ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ، ގޮތްކުޑަ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ މުޙައްމަދު ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.

މުސާރަ ބޮޑުކުރުމަށް އެމްޑީޕީ މަޖިލިސް މެމްބަރުން ނިންމި ނިންމުން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައި ސައިފް ވިދާޅުވީ ދަރަންޏާއި އިސްރާފުގައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ދުވަހަކު ނުދާ މިންވަރަށް އަޑި އަޅާލާފައިވާކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފާހަގަކުރަމުން ދާކަމަށެވެ. އަދި އާންމު ދިރިއުޅުމުގެ ހަރަދުބަރަދު ބޮޑުވެ ރައްޔިތު މީހާގެ އަތްމަތި އިންތިހާއަށް ދަތިވެފައިވާކަމަށް ވިދާޅުވިއެވެ.

2024 ވަނަ އަހަރަށް ފާސްކުރި ޖުމުލަ 49.8 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 13.8 ބިލިއަންގައި ހުރި އިރު، އެއީ މުޅި ބަޖެޓުގެ 28 އިންސައްތަ ކަމަށް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސައިފް ވިދާޅުވީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެމްޑީޕީގެ ތަނަވަސް އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަކަމުގެ އިންތިހާކަމަށެވެ.

އަދި އެއީ ރިޔާސީ އިންތިހާބުން ބަލިވުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުވުމުގެ ކުރިން އަތުޖެހުނު އެއްޗެއް އަތުޖެހުނު ގޮތަކަށް ދަމައިގަތުމަށާއި ދައުލަތް ހިންގަން ދަތިކުރުމަށް އެމްޑީޕީ އިން ހިންގަމުންދާ ހުތުރުކަން ބޮޑުވެގެންވާ އަމަލުތަކުގެ ލިސްޓަށް އިތުރުވާ ކަމެއް ކަމަށް ސައިފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުގެ ބޭނުން އަމިއްލަ މަސްލަހަތާއި ޒާތީ މަންފާއަށް ބޭނުންކުރުން ހުއްޓާލުމަށް ސައިފް ވަނީ އެމްޑީޕީއަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް