ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާ، ދަ ޑިމޮކްރެޓްސް ޕާލަމެންޓްރީ ގްރޫޕުން އެކަމާ ދެކޮޅަށް ތްރީލައިން "ރެޑް" ވިޕެއް ނެރެފިއެވެ.
ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލިއްޔަތު ކޮމިޓީގެ އެ ނިންމުމާ ދެކޮޅު ހަދާކަމަށާއި، އެ ނިންމުން ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ރައީސް އަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބޮޑު އަގުލަބިއްޔަތެއް މަޖިލީހުގައާއި ކޮމިޓީގައި އޮތެއް ކަމަކު، އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ނިންމުންތައް ނިންމާއިރު މިއަށްވުރެ ޒިންމާދާރުވެލުމަށް އެ ޕާޓީއަށް ވަނީ އިލްތިމާސްކޮށްފައެވެ.
"ރާއްޖޭގެ އިޤްތިޞާދު ވަރަށް ނުރައްކާތެރި ހާލަތެއްގައި ވާއިރު، އަދި ދައްކަންޖެހޭ ދަރަނީގެ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، އަދި ބޭނުންކުރެވޭ ރިޒާވް ހުސްވުމަކާ ދާދި ގާތް ވެފައި ވާއިރު، އަދި ހުސްވި ހަފްތާގައި ފާސްކުރި ޑެފިސިޓް ބޮޑު 2024 ވަނަ އަހަރުގެ ޑެފިސިޓް ފޫބައްދަން ފައިސާ ހޯދޭނެ ގޮތްވެސް ކަށަވަރު ނުވާއިރު، އަދި ރާއްޖޭގެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި، އާއްމު މަސައްކަތްތެރިންނާއި ސިވިލް ސާވެންޓުންގެ މުސާރައާއި އުޖޫރަ، ޚަރަދުގެ ނިސްބަތުން ނުހަނު ދަށުގައި ވަނިކޮށް، އަދި މިކަންކަން ހުރިނެތްގޮތް އެންމެ ރަނގަޅަށް އޮޅުންފިލައިތިބެ، ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ހުރިހާ ސިޔާސީ މީހުންގެ މުސާރަ އިތުރަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފެނިލެއްވިކަމީ ނުހަނު ލަދުވެތި އަދި އެހާމެ ކަންބޮޑުވާ ކަމެއް." ދަ ޑިމޮކްރެޓްސްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ދަ ޑިމޮކްރެޓްސް އިން ބުނީ މިއީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ފުރަތަމަ ތްރީލައިން ރެޑް ވިޕް ކަމަށާއި، މި ރެޑް ވިޕް ނެރެފައި މިވަނީ މަތީގައި ދަންނަވާފައިވާ ކަންކަމާއި ހާލަތްތަކަށް ރިއާޔަތްނުކޮށް ސިޔާސީ މީހުންގެ މުސާރަތައް ބޮޑުކުރުމާ ދެކޮޅަށް، އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ އިއްތިފާގުން ކަމަށެވެ.
އަދި ދައުލަތުގެ އޮނިގަނޑުގެ ބިޔަކަމާއި ބުރަކަން ފިލުވުމާއި، ރައްޔިތުންގެ މަޖިލިސް ބޮޑުވަމުން ދާދިއުން ކޮންޓްރޯލްކޮށް، މިހާރަށްވުރެ ކުޑަ އަދި ހުރިހާ ރައްޔިތުންނާއި މުޅި ރާއްޖެ ތަމްސީލުވާ މަޖިލީހެއް އުފެއްދުމަކީ އެ ޕާޓީން އަބަދުވެސް ވަކާލާތުކުރާ ކަމެއް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް