ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ރާޖްޕުތް 3.5 ކްރޯޑް ރުޕީސްގެ އަގަކަށް މުޅިން އައު މާސިޑީޒް މޭބެކް ޖީއެލްއެސް 600ގެ ލަގްޒަރީ ކާރެއް ގަނެފިއެވެ.
އަންގާރަ ދުވަހު މާސިޑީޒްގެ އިންޑިއާގެ ރަސްމީ ޕޭޖުން އިންސްޓަގްރާމްގައި ޝާހިދާއި އޭނާގެ އަންހެނުން މީރާގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު، އެ ދެމަފިރިންގެ އާ ކާރުގެ ތަޅުދަނޑި ހަވާލުކުރާ މަންޒަރު ފެނެއެވެ.
އެ ޕޭޖުން އާންމުކޮށްފައިވާ ތަސްވީރުން ފެންނަ ގޮތުގައި ޝާހިދު އާއި މީރާ ކާރުގެ ކުރިމަތީގައި ހުއްޓިގެން ތިބޭއިރު ޝާހިދުގެ އަތުގައި އާ ކާރުގެ ތަޅުދަނޑި ލާފައިވާ ބޮޑު ބާސްކެޓެއް އޮވެއެވެ.
މި ފޮޓޯއިން ޝާހިދު ފެނިފައި ވަނީ ހުދު ޓީޝާޓަކާއި ފަޓުލޫނެއްގައި އޭނާގެ ކެޝުއަލް ލުކްގައި ހުންނަ މަންޒަރެވެ. އަދި މީރާ ފެނިފައި ވަނީ ކަޅު ހިތުގެ ޑިޒައިންއެއް ޖަހާފައިވާ ހުދު ކުލައިގެ ޓީޝާޓަކާއި، ފިޔާތޮށި ކުލައިގެ ރީތި ޖިންސެއްގައި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައިގެން ކެޝުއަލް ލުކެއްގައި ހުންނަ މަންޒަރެވެ.
މާސިޑީޒް އިންޑިއާގެ އޮފިޝަލް ޕޭޖުން ވަނީ މި ފޮޓޯ ހިއްސާކޮށް ޝާހިދުއާއި މީރާ ކާރެއް ގަނެފައިވާކަން ހާމަކޮށްފައެވެ.
ޝާހިދުއާއި މީރާ މާސިޑީޒް މޭބެކް ޖީއެލްއެސް 600ގެ ލަގްޒަރީ ކާރެއް ގަނެފައި ވާއިރު، ބޮލީވުޑްގެ ބައެއް ތަރިންގެ ކާރުތަކަކީ އެއް ބްރޭންޑެއްގެ ކާރުތަކެކެވެ. ޝާހިދުގެ އިތުރުން މި ބްރޭންޑުގެ ކާރު ގެންގުޅޭ އެހެން ތަރިންގެ ތެރޭގައި ރަންވީރު ސިންގް، އަރްޖުން ކަޕޫރު، ކްރިތީ ސެނޯން، އަދި ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ކަޕޫރު ހިމެނެ އެވެ.
ޝާހިދުގެ ފަހުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ރިލީޒްކުރާ "ދޭވާ" އިން މައްސަލަ ތަހުގީގު ކުރަމުންދާ މޮޅު ފުލުހެއްގެ ރޯލުން އޭނާ ފެނިގެންދާނެއެވެ.
ޝާހިދުއާއި މީރާ ކައިވެނި ކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. އަދި މި ކައިވެންޏަށް އެ ދެ މީހުންނަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައެވެ. އެއީ ހަތް އަހަރުގެ ގެ މިޝާ ކަޕޫރާއި ފަސް އަހަރުގެ ޒައިން ކަޕޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް