ޢަބްދުލް ފައްތާޙް އަލް ސީސީ، މިޞްރުގެ ރައީސްކަމުގެ މަޤާމުގެ އައު ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާއި ގުޅިގެން އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި އެ މަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިޞްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
ހަމަ އެހެންމެ ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިޞްރުގެ ރައްޔިތުން އެ މަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާ ކަމެއް ކަމުގައި ވިދާޅުވެ، ސީސީގެ ވެރިކަމުގައި މި ފެށުނު އައު ދައުރުގައި މިޞްރަށް ފާގަތިކަމާއި ކާމިޔާބީއަށް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.
މި މެސެޖުގައި ރާއްޖެއާއި މިޞްރާއި ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީޚީ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެއީ އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިޙްތިރާމް ކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.
މީގެ އިތުރުންވެސް ސަގާފަތާއި ތަރިކައާއި، އިޤްތިޞާދީ އެއްބާރުލުމާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، އަދި އެނޫންވެސް އެކި ދާއިރާތަކުން މިޞްރުގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ރައީސްގެ މެސެޖް ނިންމަވާލައްވަމުން މިޞްރު ސަރުކާރާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހި ކުރުމަށް ދެމިތިބުމަށް އެދޭކަން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް