ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކަށް ޗައިނާއިން ލުއިދިން ނަމަވެސް، ޒުވާނުން އިސްނަގައިގެން، މުޅި ގައުމުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ދިގު މުއްދަތަކަށް ލޮކްޑައުން ކުރުމާއި އާއިލާއާ ވަކިވުމުގެ ސަބަބުން، ޗައިނާގެ އެތައް މިލިއަން ރައްޔިތުންނެއް އެގައުމުގައި މިހާރު ތަހައްމަލު ކުރަމުންދާ ނަފްސާނީ ބަލިތަކާ ބެހޭ ހަގީގަތްތައް ވަނީ ހާމަވެފަ އެވެ.
ޑަބްލިއުއެޗްއޯގެ ރިޕޯޓެއްގައި ވާގޮތުން ޗައިނާގައި 54 މިލިއަން މީހުންނަށް ޑިޕްރެޝަން ކުރިމަތިވެ، ގާތްގަނޑަކަށް 41 މިލިއަން މީހުންނަށް އެންޒައިޓީ ޑިސްއޯޑާގެ ޝިކާރައަކަށް ވަނީ ކޮވިޑްގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު މެޑިކަލް ޖާނަލްއެއް ކަމަށްވާ ދަ ލެންސެޓް އިން ޖޫން މަހު ނެރުނު އެޑިޓޯރިއަލްގައި ބުނެފައި ވަނީ ނަފްސާނީ ބަލިތަކުގެ ހިޔަނި ޗައިނާގެ ސަގާފަތާއި އިގްތިސާދަށް ކުރިއަށް އޮތް އަހަރުތަކުގައި ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހަރުކަށިކޮށް ތަންފީޒު ކުރަމުން އަންނަ ޒީރޯ-ކޮވިޑް ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ އެތައް މިލިއަން ރައްޔިތުންނެއް ވަނީ ދިގު މުއްދަތަކަށް ބަންދުކޮށްފަ އެވެ.
ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލޮކްޑައުންގައި އޮތް އިރު، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 79 ޕަސެންޓް އިތުރުވެފައިވާ ކަމަށް އިކޮނޮމިސްޓުން ބުނެ އެވެ. އިނގިރޭސި ވިލާތުގެ ހަފުތާ މަޖައްލާއިން ބުނި ގޮތުގައި 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޗައިނާގެ ފައިނޭންޝަލް ހަބް ލޮކްޑައުން ކުރުމާ އެކު ޝަންހާއީގެ 40 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް ޑިޕްރެޝަންގެ ނުރައްކާ އޮތް ކަމަށް ސާވޭއަކުން ދައްކާ ކަމަށެވެ. ދަ އިކޮނޮމިސްޓް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ސާޗް އިންޖީނެއް ކަމަށްވާ ބައިޑޫގައި ސައިކޮލޮޖިކަލް ކައުންސެލިން ހޯދުމުގެ މަސައްކަތް 26 މިލިއަން މީހުން ދިރިއުޅޭ ޝަންހާއީގައި 253 ޕަސެންޓް އިތުރުވެއްޖެ އެވެ. ލޮކްޑައުންގެ ހާލަތު ވެސް އެހާމެ ސީރިއަސް ވެފައިވާ ޗައިނާގެ އެހެން ސަރަހައްދުތަކުގައި ވެސް ނަފްސާނީ ދުޅަހެޔޮކަމަކީ އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުގެ ކުރިމަތީގައި ވަރަށް ބޮޑު މައްސަލައެކެވެ. އެހެނެއްކަމުން ފާއިތުވި ތިން އަހަރުގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އެއްވެސް މައުލޫމާތެއް އެ ގައުމުން ރަސްމީކޮށް އާންމުކޮށްފައި ނުވި ނަމަވެސް، ކޮންމެ ދުވަހަކު ވެސް މީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކާ ގުޅޭ ބިރުވެރި ހަގީގަތްތަކާ އެ ގައުމަށް ވަނީ ކުރިމަތިލާން ޖެހިފައިވާ ދުވަހެކެވެ.
ކޮރޯނާވައިރަސް ނައްތާލުމުގެ ގޮތުން 2020 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި ޕާޝަލް އަދި ފުލް ލޮކްޑައުން ކޮށްފައެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުން ފުރާނަ ސަލާމަތްވެފައިވާ ކަމަށާއި، މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 6.6 މިލިއަން މީހުން ބަލި ޖެހިގެން މަރުވި އިރު، އެ ގައުމުގައި ބަލިމަޑުކަމާ ގުޅިގެން މަރުވާ މީހުންގެ އަދަދު މަދުކަމަށް އިޝާރާތްކުރާ ކަމަށެވެ. އެމެރިކާއިން އެކަނިވެސް 1.08 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.
ހިތާމައަކީ ކޮވިޑްގެ މަދު ކޭސްތަކެއް ފެނުނު ނަމަވެސް ލޯކަލް އޮތޯރިޓީން ހަރުކަށި ލޮކްޑައުންތަކެއް ކުރުމެވެ. މާސް ޓެސްޓު ހަދަނީ ކޭސްތައް ފެނިފައިވާ ތަންތަނުގަ އެވެ. ވައިރަސް ޖެހިފައިވާ މީހުން ގޭގައި އެކަހެރިކޮށް، ނުވަތަ ސަރުކާރުގެ ފެސިލިޓީތަކުގައި ކަރަންޓީނު ކުރުން؛ ލޮކްޑައުން ސަރަހައްދުތަކުގައި ފެކްޓްރީތަކާއި ވިޔަފާރިތަކާއި ތައުލީމީ މަރުކަޒުތައް ވަނީ ބަންދުކޮށްފަ އެވެ. އާ އިންފެކްޝަނެއް ނުފެންނަހާ ހިނދަކު ލޮކްޑައުންތައް ދެމިގެން ދެއެވެ.
އެމެރިކާގެ ޖާނަލްއެއް ކަމަށްވާ ކަރަންޓް ސައިކޮލޮޖީން ބުނި ގޮތުގައި ލޮކްޑައުންގެ ތެރޭގައި ޗައިނާގެ ޖޫނިއާ އަދި ސީނިއާ ހައި ސްކޫލް ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް ދަރިވަރުން ވަނީ އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅެފަ ކަމަށެވެ. ފުޑާން ޔުނިވާސިޓީން 4،500 އެއްހާ ޒުވާނުންގެ މެދުގައި ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި 70 ޕަސެންޓް ދަރިވަރުން ވަނީ އެކި މިންވަރަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް