މިސިސް ވޯލްޑް 2022 ގެ އެވޯޑް ލިބިފައިވަނީ ކަޝްމީރަށް ނިސްބަތްވާ އަދި މިހާރު މުމްބާއީގައި ދިރިއުޅެމުން އަންނަ ސަރްގަމް ކޯޝަލް އަށެވެ. 21 އަހަރަށް ފަހު އޭނާ ވަނީ އެ ތާޖު އަނބުރާ އިންޑިއާއަށް ގެންގޮސްފައެވެ.
އެމެރިކާގެ ނެވާޑާގެ ލަސް ވެގަސްގައި ބޭއްވި ކައިވެނިކޮށްގެން އުޅޭ އަންހެނުންގެ ބައިނަލްއަގުވާމީ ބިއުޓީ ޕެޖެންޓް ގެ ޗެމްޕިއަންކަން އޭނާ ވަނީ ހޯދާފަ އެވެ. އެމެރިކާގެ ޝައިލިން ފޯޑް، މިސިސް ވޯލްޑް 2021، ހޮނިހިރު ދުވަހުގެ ރޭ 63 ގައުމެއްގެ ބައިވެރިން ބަލިކުރުމަށް ފަހު ކޯޝަލް އަށް ތާޖު ހަވާލުކޮށްދިނެވެ.
މި އަހަރުގެ ޖޫން މަހު އޭނާ ވަނީ މި އަހަރުގެ މިސިސް އިންޑިއާ ވޯލްޑްގެ ތާޖު ހާސިލްކޮށްފަ އެވެ. އޭނާ ހޮވާފައި ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުން 51 ބައިވެރިންގެ ތެރެއިން ވާދަކޮށްގެންނެވެ. ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ބިއުޓީ ޕެޖެންޓް ކަމަށްވާ މިސިސް ވޯލްޑް ލޯންޗްކުރީ 1984 ވަނަ އަހަރު އެވެ. މީގެ ކުރިން 2001 ވަނަ އަހަރު އިންޑިއާ އިން ޗެމްޕިއަންކަން ހޯދީ އެންމެ ފަހަރަކު، އަދިތީ ގޯވިތުރީކަރް އެވެ.
ޖައްމޫގެ ގާންދީ ނަގަރުގައި ހުންނަ ވިމެންސް ކޮލެޖުން ދަސްވެނިވި ސަރްގަމް، 31، އަކީ މީނާ ކޯޝަލް އާއި ޖީއެސް ކޯޝަލް (ބޭންކް އޮފް އިންޑިއާގެ ރިޓަޔާޑް ޗީފް މެނޭޖަރު) ގެ ދަރިކަނބަލުންނެވެ. އޭގެ ފަހުން އޭނާ ވަނީ ޖައްމޫ ޔުނިވާސިޓީން އިނގިރޭސި ލިޓްރޭޗާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ.
އޭނާގެ އިންސްޓަގްރާމް ޕޯސްޓުތަކުގައި ވާ ގޮތުން ސަރްގަމް ވަނީ މީގެ ކުރިން ވިޒަގްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި އޭނާގެ ފިރިމީހާ އަކީ ނޭވީގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އޭނާގެ ބައްޕަ ޖީއެސް ކޯޝަލް ބުނީ މިއީ މުޅި ގައުމަށް ލިބުނު ފަޚުރެއް ކަމަށެވެ. "ކުޑައިރުއްސުރެ ސަރްގަމް އަކީ ވަރަށް މޮޅު ކުއްޖެއް ކަމަށާއި މިހާތަނަށް ކުރި ކޮންމެ ކަމެއްގައި ވެސް އަބަދުވެސް މޮޅު ކުއްޖެއް ކަމަށެވެ. އަމިއްލަ ނަފްސަށް އެހީތެރިވާ މީހުންނަށް الله ތަޢާލާ އެހީތެރިވެދެއްވަނީ،" ބައްޕަ ބުނީ އަންހެން ދަރިންނަކީ ނިޢްމަތެއް ކަމަށެވެ.
ސަރްގަމްގެ މި ކާމިޔާބީއާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާގެ މައިންބަފައިންނަށް މަރުހަބާ ކިޔާފަ އެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާގެ ބުރަ މަސައްކަތާއި އަމާނާތްތެރިކަމުން ހަމައެކަނި ތާޖު ހޯދުމުގެ އިތުރުން ޖައްމޫ އާއި ކަޝްމީރާއި މުޅި ގައުމު ފަޚުރުވެރިކުރުވި ކަމަށް ބުނެ މަރުހަބާ ކިޔާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް