ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފިއެވެ.
މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން މި ވެސެލް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭއެވެ.
ޑިފެންސް މިނިސްޓްރީގެ ފަރާތުން މި ވެސެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި ބަދަހި ގުޅުން ފާހަގަކުރައްވައި، އެ ޤައުމުން ވެދެއްވާ ދީލަތި އެހީތަކަށް ޝުކުރު ދަންނަވާފައެވެ.
ހަމައެއާއެކު، ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރެއްވި އޮއިލް ބޫމް ވެސަލް ވެގެންދާނީ، ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖަޕާނުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ޤައުމެއްކަމަށާއި، އޭގެތެރޭގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގައާއި، ތަޢުލީމީ ދާއިރާއާއި، ހެލްތު ކެއަރ އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާތަކުން އެ ޤައުމުން ގިނަގުނަ އެހީތެރިކަން ވެދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން މާލެ ވަށައިގެން ލެވިފައިވާ ބޭރުތޮށި ލުމުގެ މަސައްކަތަކީ ޖަޕާނުން ވެދެއްވާފައިވާ ފާހަގަކޮށްލެވޭ އެހީތެރިކަމެއްކަން ފާހަގަކުރައްވައި، ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވީ ވެސް ޖަޕާނުގެ ދުރުވިސްނުމާއެކު ބިނާ ކުރެވިފައިވާ އެ ބޭރު ތޮށީގެ ސަބަބުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށްފަހު، ޢިއްޒުއްދީން ޖެޓީ ސަރަހައްދުގައި އޮއިލް ބޫމް ވެސެލްގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެވެ. މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އޮއިލް ބޫމް ވެސަލް ތަކަކީ މޫދަށް އެޅޭ ތެޔޮ ފެތުރުނަނުދިނުމަށް ބޭނުންކުރާ އާލާތްތައް ހިމެނޭ ކަނޑު އުޅަނދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް