ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފްރާންސް ލީގުގެ ކުލަބެއް ކަމުގައިވާ މާސޭއަށް ބަދަލުވުމާއި ގާތައް ޖެހިލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މާސޭގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އަދި މިހާރު ސްޕޯޓްސް ޓީވީ ނައުގެ ޕްރެޒެންޓަރ ބަސިލޭ ބޮލީ އާއި ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ، ރޮނާލްޑޯގެ ސޮއި ހޯދުމަށް ފްރާންސްގެ ކުލަބު މާސޭއިން ރޮނާލްޑޯއާއި އެކު މަޝްވަރާ ބައްދަލުވުންތައް މިހާރު ވެސް ކުރިޔަށް ދާ ކަމަށެވެ.
އަދި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެކު ކުރިޔަށްދާ މަޝްވަރާތަކަށް ފަހު އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ރޮނާލްޑޯ މާސޭއާއި ގުޅޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ވެސް ބަސިލޭ ބުނެފައިވެއެވެ.
ބަސިލޭ ބުނެފައިވަނީ ރޮނާލްޑޯ އަށް ޔޫރަޕުން ޗެމްޕިއަންސް ލީގު ކުޅޭ އެއްވެސް ކުލަބަކުން ފުރުސަތު ނުލިބޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަން ގަބޫލުކުރަން އުނދަގޫ ކަމަށާއި ރޮނާލްޑޯ ހުރީ ފުރުސަތު ލިބިއްޖެ ނަމަ މާސޭއާއި ގުޅެން ތައްޔާރަށް ކަމަށެވެ.
" ރޮނާލްޑޯގެ ސޮއި ހޯދުމަށް މާސޭއިން މިހާރުވަނީ ވާހަކަތައް ފަށާފަ. އެކަމަށް އެއްބަސްވެވި ވަރަށް އަވަހަށް ޓްރާންސްފާގެ ކަންކަން ނިމޭނެ ކަމަށް ބެލެވެނީ." ބަސިލޭ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ ރޮނާލްޑޯ އަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އުމުރުން ދުވަސްވެފައިވީ ނަމަވެސް ފެރެންޗް ލީގުގައި ރަނގަޅު ކުޅުމެއް ރޮނާލްޑޯއަށް ދެއްކިދާނޭކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މެސީ އަކީވެސް އުމުރުން ދޮށީ ކުޅުންތެރިއެއް ކަމަށާއި މެސީ ވެސް ޕީއެސްޖީއާއި ގުޅުނު ފުރަތަމަ ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މިހާރު އަންނަނީ ތަފާތު ދައްކަމުން ކަމަށް ބަސިލޭ ބުންޏެވެ. އެހެން ކަމުން ރޮނާލްޑޯއަށް ވެސް މި ތަފާތު ދެއްކިދާނޭ ކަމަށް އޭނާ ގަބޫލުކުރާކަމަށް ބުނެފައިވެއެވެ.
ރޮނާލްޑޯ މާސޭއާއި ގުޅެން އުޅޭކަން ބަސިލޭ ބޮލީ ބުނެފައި ވީ ނަމަވެސް މާސޭއިން ރަސްމީކޮށް އަދި މިކަމާއި ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މަސްވަރާތައް ކުރިޔަށް ދާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
މާސޭގެ އިތުރުން ސައުދީ އަރަބިޔާގެ ކުލަބަކުން ވެސް ރޮނާލްޑޯ ހޯދުމަށް ޝައުގުވެރިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ރޮނާލްޑޯ ބޭނުންވަނީ އަދިވެސް ޔޫރަޕްގެ އެންމެ މަތީފަންތީގައި ކެރިއަރު ނިންމާލަން ކަމަށް ވާއިރު، އޭނާ ބޭނުންވަނީ ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބަކަށް ބަދަލުވުމަށެވެ.
ރޮނާލްޑޯ އެންމެ ފަހުން ކުޅެފައިވަނީ އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑް އަށެވެ. އޭނާ މެންޗެސްޓަރ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލީ މިދިޔަ ނޮވެމްބަރު މަސްތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް