ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އ...

20 Dec 2022 | 13:33

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، 503 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 429 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢަކީ 29.90 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢު އެއްކަމަށެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުކަމަށް އެކުންފުނިން ހާމަކުރެއެވެ.

ފާފު އަތޮޅު ނިލަންދޫއަކީ 2300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.

ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ތަކުގައިވެސް މަސްޢޫލުވެ އުޅޭ ބައެކެވެ. މިއަދު ސޮއިކުރެވުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ ރަށުގެ ރައްޔިތުން 2015 ވަނަ އަހަރުން ފެށިގެން އެކަމަށް އެދިއެދި ތިބި ކަމެކެވެ.

އެ އަހަރުތެރޭ އަލަށް ހިއްކުނު ބިމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަތައް ނިލަންދޫއަށް ދަނީ ކުރިމަތިވަމުންނެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ހިއްކާފައިވާ ސަރަޙައްދު ހިމާޔަތް ކުރެވި، ރަށުގެ ޒުވާން އާބާދީއަށް ހިއްކުނު ސަރަޙައްދުގައި ދިރިއުޅުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި އެ ސަރަޙައްދުގައި އިޤްތިސާދީ ހަރަކާތްތައް ފެށުމުގެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980

ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ

ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް