ކޯވިޑް-19 އާިއ ގުޅިގެން ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތަކެއް ނުލިބުނު މައްސަލައިގަ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 ރުފިޔާ އަނބުރާ ހޯދުމަށް ވެސް އޭސީސީން އެދިފައިވެ އެވެ.
އެފަހަރު ވެންޓިލޭޓަރުތައް ގަންނަން އޯޑަރު ދިނީ ދުބާއީގެ ކުންފުންޏަކަށެވެ. އެކަމަކު އެ ކުންފުންޏަކީ އެ މަސައްކަތަށް ގާބިލް ނޫން ކުންފުންޏެއްކަން ފަޅާއެރީ ކޯވިޑާއި ގުޅިގެން އޮޑިޓާ ޖެނެރަލް ނެރުއްވި ހާއްސަ އޮޑިޓުންނެވެ.
އެ މައްސަލަ ގަނޑު ތެރޭގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް