މާލޭގައި ގަރާޖު ހިންގާ ފަރާތްތަކަށް ހުޅުމާލެއިން 23 ބިން، ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި މިވަގުތު ގަރާޖު ހިންގާ ފަރާތްތަކުގެ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭގައި ގަރާޖު ހިންގާ...

20 Dec 2022 | 11:36

މާލޭގައި މިވަގުތު ގަރާޖު ހިންގާ ފަރާތްތަކުގެ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭގައި ގަރާޖު ހިންގާ ފަރާތްތަކަށް 23 ބިން ހުޅުމާލެއިން ދޫކުރަން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެއިން ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެޗްޑީސީން ބުނީ މި ގަރާޖްތައް ބަދަލުކުރުމަށް ހުޅުމާލެއިން ދޫކުރަން ނިންމާފައި ވަނީ 23 ބިމެއް ކަމަށާއި، އެއީ މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް، މާލޭގައި މިހާރު ހުރި 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1،000 އަކަފޫޓުގެ ބިން ދޫކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

މިގޮތުން 1،000 އަކަފޫޓަށް ވުރެ ބޮޑެތި ގަރާޖުތަކަށް 1،300 އަކަފޫޓުގެ ބިން ދޫކުރުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

އެ  ބިންތައް ކުއްޔަށް ދޫކުރާ އަގެއް އެޗްޑީސީގެ އިއުލާނުގައި ހާމަކޮށްފައި ނުވާއިރު، އެޗްޑީސީން ބުނީ ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގިފިލާއަށް އިމާރާތްކުރެވޭނެ ކަމަށާއި މި ބިންތައް ކުއްޔަށް ފުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މީގެ އިތުރުން އެ އިއުލާނާ އެކު، އެޗްޑީސީން ވަނީ އެ ބިންތަކުގައި ގަރާޖާއި ވޯކްޝޮޕްތައް ހިންގޭނެ ގޮތުގެ ގައިޑްލައިނެއް އާންމުކޮށްފައިވާއިރު އޭގައި ބުނެފައި ވާގޮތުން ގަރާޖު ހެދުމުގެ ކުރިން އެޗްޑީސީ އަށް ޑިޒައިން ހުށަހަޅައި އިމާރާތް ކުރުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި، ގަރާޖު ނުވަތަ ވޯކްޝޮޕް ހިންގުން ނޫން ކަމަކަށް އެ ބިން ބޭނުމެއް ނުކުރެވޭނެ ކަމަށާއި ގަރާޖުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެހިކަލްތަކާއި މަރާމާތަށް ގެންދާ ވެހިކަލްތައް ވެސް ޕާކުކުރަން ޖެހޭނީ ކުއްޔަށް ދީފައިވާ ބިމުގައި ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީން ގަބޫލުކުރާ ފަޔާ ސޭފްޓީ ނިޒާމެއް ހުންނަން ޖެހޭނެ ކަމަށް އެ ގައިޑް ލައިންގައި ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުފަދަ ތަންތަން ހިންގުމަކީ  ނުރައްކާތެރި ކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށެވެ.

އަދި މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެޗްޑީސީ އާއި ސަރުކާރާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް