ރާއްޖެ އާއި ޖަޕާނުގެ ގުޅުން ރަމްޒުކޮށްދޭ މޮނިއުމަންޓް އަލުން ބެހެއްޓުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންފިއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މާލޭގެ ސަލާމަތަށް ޖަޕާން ސަރުކާރުގެ އެހީގައި މާލެ ވަށާ ބަޖިޔާ ގާ ބޭނުންކޮށްގެން ލާފައިވާ ތޮށީގެ ރަމްޒެއްގެ ގޮތުން ބަހައްޓާފައިވާ މި މޮނިއުމެންޓް އެތަނުން ނަގާފައި ވަނީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ އިންޑިއާ ކަނޑުގެ ސުނާމީކާރިސާގައި މާލެއަށް ލިބުނު ބޮޑެތި ގެއްލުންތައް ހުއްޓުވުމުގައި ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށައިގެން ލެވިފައިވާ ތޮށީގެ މުހިންމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް އުސްފަސްގަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓެޓްރަޕޮޑް ނުވަތަ އާންމު ނަމުން ނަމަ "ބަޖިޔާ ގާ" އެއްހަން ހަދާފައިވާ މޮނިއުމަންޓް ހުޅުވައިދެއްވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކޭ ޝުންސުކޭ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޭޗީ މިޑޯރީއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސްވެރިންނާއި، ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިން ލޮނުޒިޔާރަތް ޕާކު ސަރަހައްދުގައި މި ރަމްޒީ ގާ ބަހައްޓާފައި ހުރެއެވެ. މި ގަލަށް ދިވެހިން އާންމުކޮށް ކިޔާ އުޅުނު ނަމަކީ ބަޖިޔާ ގަލެވެ. އޭރު އެ ރަމްޒީ ގާ ނެގީ ބުރިޖު އެޅުމުގެ މަޝްރޫއާއި ގުޅިގެން އެ ސަރަހައްދުގެ ލޭންޑްސްކޭޕަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް