މާލޭ ސިޓީ ކައުންސިލުން ކަށު ނަމާދުގެ މައުލޫމާތު އާންމު ކުރަން ހާއްސަކޮށް ސޯޝަލް މީޑިއާގައި ޕޭޖެއް ހަދަން ނިންމައިފި އެވެ.
މިހާރު މާލެ ސަރަހައްދުގެ ކަށު ނަމާދުގެ މައުލޫމާތު އާންމު ކުރަނީ މަޝްހޫރު "ކަށުނަމާދު" ޕޭޖުންނެވެ. އެޕޭޖުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަރުވާ ދިވެހިންގެ ޖަނާޒާ އާއި ގުޅޭ މައުލޫމާތު އާންމު ކުރެ އެވެ.
އެ ޕޭޖު ހިންގާ އަހުމަދު މުނައްވަރު އިއްޔެ ބުނެފައިވާ ގޮތުގައި ޕޭޖު ހުއްޓާލަން ސިޓީ ކައުންސިލުން އޭނާއަށް ވަނީ އަންގާފައި އެވެ. އޭނާ ބުނީ އެ އެންގުމާއި އެކު ކަށުނަމާދު އިއުލާންކުރުން ހުއްޓާލަން ކައުންސިލުން އަންގާފައިވާ ކަމަށެވެ.
މި ކަން ސިޓީ ކައުންސިލުން ދޮގު ކުރި އެވެ. އެ ކައުންސިލުން ބުނީ ރަސްމީ އެއްވެސް ފަރާތަކުން މުނައްވަރުގެ ޕޭޖު ހުއްޓާލަން އަންގާފައި ނުވާނެ ކަމަށެވެ.
އެކަމަކު ސިޓީ ކައުންސިލުން މިއަދު ވަނީ ކަށު ނަމާދުގެ މައުލޫމާތު އާންމު ކުރަން ސޯޝަލް މީޑިއާގައި ވަކި ޕޭޖެން ހަދަން ނިންމާފައިވާކަން ހާމަކޮށްފައި އެވެ.
ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޕޭޖު ހިންގާނީ ރަސްމީ ފަރާތަކުން ކަށު ނަމާދުގެ މައުލޫމާތު އާންމު ކުރުމުގެ ގޮތުން ކަމަށެވެ. ކައުންސިލްގެ ކަށު ނަމާދު ޕޭޖު ވަރަށް އަވަހަށް ރަސްމީކޮށް އާންމުކޮށް، ހިދުމަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ވިހާ މަރުވާ މައުލޫމާތަކީ ކައުންސިލުން ބަަހައްޓާ ކަންކަން ކަމަށެވެ. އަދި ކަށު ނަމާދުގެ މައުލޫމާތަކީވެސް ކައުންސިލުން އާންމު ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކައުންސިލުންވެސް އެ މައުލޫމާތު އާންމުކޮށްދޭން ނިންމާފައިވަނީ ހިލޭ ދޭ ހިދުމަތެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް