ކޮވިޑް ފުރަބަންދުގެ ސަބަބުން މެދުކެނޑުމަކަށްފަހު މި އަހަރު އަނެއްކާވެސް "ސުޖޫދު ވޯކްޝޮޕް" ބޭއްވުމަށް ޕީސް ފައުންޑޭޝަނުން އިޢުލާން ކޮށްފިއެވެ. މިއީ ޕީސް ފައުންޑޭޝަނާއި، އޮސްޓްރޭލިއާގެ މަދީނާ އެކެޑެމީ ގުޅިގެން، 10 އަހަރާއި 12 އަހަރުގެ ކުޑަކުދިންނަށް ނަމާދު ކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ 2 ދުވަހުގެ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕް ހުށަހަޅައިދެއްވާނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީ (ސަޢުދީ ޢަރަބިއްޔާ)ގެ ޝަރީޢާ ގްރެޖުއޭޓެއް ކަމުގައިވާ އައްޝައިޚް ޢަބްދުﷲ ނަސީމެވެ. ޝައިޚް ނަސީމަކީ ޒަމާނީ އެކި އެކި ވަސީލަތްތަކާއި، ކުޑަކުދިން ގަޔާވާ އުކުޅުތައް ބޭނުންކޮށްގެން ކިޔަވައިދެއްވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ އިތުރުން ޝެއިޚުވަނީ ދާދި ފަހުން ސްޕެއިނުން ފުޓުބޯޅަ ކޯޗިންވެސް ހައްދަވާފައެވެ. މި ސަބަބުތަކާހުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންނާއި ބެލެނެވެރިންގެ މެދުގައި ޝެއިޚަކީ މަޤްބޫލު އަދި މަޝްހޫރު ބޭފުޅެކެވެ.
ސުޖޫދު ވޯކްޝޮޕުގެ އެންމެ ފުރަތަމަ ޕްރޮގްރާމެއް ރާއްޖޭގައި ހިންގާފައިވަނީ 2018 ވަނަ އަހަރުގައެވެ. މި ޕްރޮގްރާމް ވެގެންދިޔައީ ކުޑަކުދިން ގަޔާވި އަދި ބެލެނެވެރިންގެ މަޤްބޫލުކަން ލިބުނު ޕްރޮގްރާމަކަށެވެ. މާލެއާއި ފުވައްމުލަކުގައި ކުރިޔަށް ގެންދެވުނު މި ވޯކްޝޮޕުގައި ޖުމުލަ 300 ކުދިން ބައިވެރިވެފައި ވެއެވެ.
މިއަހަރު މާލޭގައި މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 28 ން 29 އަށެވެ. ބައިވެރިވުމުގެ ފީ އަކީ -/495 ރުފިޔާ އެވެ.
ވޯކްޝޮޕުގައި ބައިވެރިވުމަށްޓަކައި ( ) މި ލިންކުގައިވާ ފޯމް ފުރާލައްވާށެވެ. އިތުރު މަޢުލޫމާތު ޕީސް ފައުންޑޭޝަނުގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިލައްވާނެއެވެ. އަދި 9552949 އަށް ގުޅުއްވުމުންވެސް ލިބިލައްވާނެއެވެ.
ފޭސްބުކް: PeaceFoundation.mv
އިންސްޓަގްރާމް: peace.mv
ޓްވިޓަރ: Mv_Peace
ޓެލެގްރާމް: t.me/PeaceFoundation
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް