ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 12 އަތޮޅެއްގެ 15 ރަށަކަށް އިސްމެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފި އެވެ.
އެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އިސް މެޖިސްޓްރޭޓެއްގެ މުސާރައަކީ 21،000 ރުފިޔާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ލިވިން އެލެވެންސް، ފޯނު އެލެވެންސް އަދި މެޑިކަލް އިންޝުއާރެންސް ލިބޭނެ އެވެ.
މި މަގާމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޖޭއެސްސީ އިން ޝަރުތު ކޮށްފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮގުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުމެވެ. ނުވަތަ ފަނޑިޔާރުކަމުގެ މަގާމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައިވަނީ:
ހދ. ނޮޅިވަރަމް
ށ. ކޮމަންޑޫ
ނ. ވެލިދޫ
ބ. ދަރަވަންދޫ، ގޮއިދޫ
ޅ. ހިންނަވަރު
ކ. ކާށިދޫ
އއ. މާޅޮސް
ވ. ފުލިދޫ
މ. މުލަށް
ފ. ފީއަލި
ގއ. ގެމަނަފުށި، ދާންދޫ
ގދ. ރަތަފަންދޫ، ފަރެސްމާތޮޑާ
މިމަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް