ޒިދާން ކޯޗުކަމާއި ހަވާލުވެއްޖެނަމަ ބެންޒެމާ އަލުން އެނބުރި ފްރާންސް ގައުމީ ޓީމާއި ގުޅިދާނެ

ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާއި ޒައިނުއްދީން ޒިދާން ހަވާލުވެއްޖެ ނަމަ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާ އަލުން އެނބުރި ފްރާންސް ގައުމީ ޓީމާއި ގުޅިދާނެ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ....

20 Dec 2022 | 04:14

ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާއި ޒައިނުއްދީން ޒިދާން ހަވާލުވެއްޖެ ނަމަ އިތުބާރު ފޯވާޑް ކަރިމް ބެންޒެމާ އަލުން އެނބުރި ފްރާންސް ގައުމީ ޓީމާއި ގުޅިދާނެ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފްރާންސްގެ ކުޅިވަރު ނޫހެއް ކަމުގައިވާ ފުޓް މަކާޓޯ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެންޒެމާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔަ ކުރި ނަމަވެސް ފްރާންސްގެ ކޯޗުގެ މަޤާމާއި ޒިދާން ހަވާލުވެއްޖެ ނަމަ ވިސްނުން ބަދަލުކޮށް ބެންޒެމާ އަލުން އެނބުރި ފްރާންސް ޓީމާއި ގުޅިދާނެ ކަމަށާއި ނަމަވެސް މިހާރު ފްރާންސް ޓީމުގެ ކޯޗުކަމުގައި ހުރި ޑިޑިއެ ޑިޝޯމްޕް ހުރިހައި ހިނދަކު އޭނާ ގައުމީޓީމުން ދެން ނުފެންނާނެކަމަށެވެ.

ފްރާންސްގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެންމެ ފަހުން ބެލޮން ޑިއޯ އެވޯޑް ވެސް ހާސިލްކޮށްފައިވާ ކަރިމް ބެންޒީމާ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރިކަން ރޭ އިއުލާނު ކޮށްފައިވާއިރު، އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑްގައިވެސް ހިމެނިފައެވެ. ނަމަވެސް ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއަކާއި ގުޅިގެން މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބެންޒެމާ އަށް ވަނީ މުބާރާތާއި ވަކިވާން ޖެހިފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ބެންޒެމާ މުބާރާތާއި ވަކިވީ އަނިޔާގެ މައްސަލައަކާއި ގުޅިގެން ނޫނެވެ. އޭނާ މުބާރާތާއި ވަކިވީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އާއި ދެމެދު މައްސަލަތަކެއް ޖެހި އުފެދުނު ހިންހަމަނުޖެހުންތަކަކާއި ގުޅިގެންނެވެ. ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ ބެމްޒެމާއަށް ލިބުނު އަނިޔާ އަށް ބަލާއިރު، އެއީ މާ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އޭނާގެ މެޑިކަލް ޓީމުން ވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް ކޯޗު ޑިޝޯމްޕް ބެންޒެމާ ސްކޮޑުގައި ހިމަނަން ބޭނުން ނުވުމުން އޭނާއަށް ފުރުސަތު ނުދިނީ ކަމަށެވެ.

ބެންޒެމާ އަނިޔާއިން ރަނގަޅުވެ ފްރާންސް ސްކޮޑާއި ގުޅެން އުޅޭކަމަށް މީޑިއާގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޑިޝޯމްޕް ބުނެފައިވަނީ އެކަމާއި ގުޅޭ ގޮތުން އެއްވެސް ވަރަކަށް ވާހަދައްކަން ބޭނުން ނުވާކަމަށެވެ.

އެންމެ ފަހުން ނިމިގެން ދިޔަ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާއާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި ބެންޒެމާ ފްރާންސްގެ ސްކޮޑުގައި ހިމެނިދާނެ ކަމަށް ބުނެ މީޑިއާތަކުން ޚަބަރު ފެތުރިއެވެ. ނަމަވެސް މި ޚަބަރުތަކާއި ގުޅިގެން ބެންޒެމާ ބުނެފައިވަނީ އޭނާ ފައިނަލް މެޗު ކުޅުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި އެ މެޗު ބެލުމަށް ގަތަރަށް ދާން ފްރާންސްގެ ރައީސް ދިން ދައުވަތުވެސް ބެންޒެމާ ވަނީ ގަބޫލު ނުކޮށްފައެވެ.

ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާވިކަން ބެންޒެމާ އިއުލާން ކުރީ ރޭ އިންސްޓަގްރާމްގައި ކުރި މެސެޖަކުންނެވެ. އެގޮތުން ބެންޒެމާގެ މެސެޖުގައި އޭނާ ބުނެފައިވަނީ މިއަދު މި ހުރި ހިސާބާއި މެދު ފަޚުރުވެރިވާ ކަމަށާއި އަދި އޭނާ ލިޔުނު އޭނާގެ ވާހަކަ މިހިސާބުން ނިމުމަކަށް އައީ ކަމަށެވެ.

ބެންޒެމާ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަ ކުރި ނަމަވެސް އޭނާ ކުލަބު ފުޓްބޯޅައިން ފެންނާނެއެވެ. ބެންޒެމާ އަކީ މިވަގުތު ރެއާލް މެޑްރިޑުގައި ހުރި އެންމެ މޮޅު އަދި އެންމެ އިތުބާރު ފޯވާޑް ކުޅުންތެރިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް