2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ފްރާންސްގެ ކޯޗުކަމުގައި ޑިޑިއެ ޑިޝޯމްޕް ދެމި ހުންނާނޭ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
ފްރާންސްގެ މަޝްޙޫރު ކުޅިވަރު ނޫހެއް ކަމުގައިވާ ލެ އިކުއިޕޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ބޭއްވޭ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2026 ވަނަ އަހަރު ބޭއްވޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމެންދެން ޑިޝޯމްޕް ފްރާންސްގެ ކޯޗުކަމުގައި ދެމި ހުންނާނެއެވެ.
ރިޕޯޓްސް ތައް ބުނާ ގޮތުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ ޑިޝޯމްޕްގެ އެއްބަސްވުން އާކުރުމަށް މަޝްވަރާތައް ފެށުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން މި ފެށޭ ހަފްތާގެ ތެރޭގައި ޑިޝޯމްޕް އާއި އެކު މަޝްވަރާތައް ފެށޭނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ގަތަރުގައި ނިމިގެން ދިޔަ ވޯލްޑް ކަޕާއި އެކު ޑިޝޯމްޕް ފްރާންސްއާއި އެކު ހަދާފައިވާ އެއްބަސް ވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ.
ޑިޝޯމްޕް ފްރާންސްގެ ކޯޗުކަމާއި ހަވާލުވީ 2012 ވަނަ އަހަރުގައެވެ. އެގޮތުން އޭނާ ފްރާންސްގެ ކޯޗުކަމުގައި މިހާތަނަށް ހޭދަކުރި 10 އަހަރުގެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ވޯލްޑް ކަޕަކާއި ޔޫއެފާ ނޭޝަން ލީގެއް ފްރާންސް ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
މީގެ އިތުރުން ޑިޝާމްޕް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލާއި އެންމެ ފަހުން ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެސް ފްރަަންސް ޓީމު ގެންގޮސްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް