ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުގެ އެހީއެއް ދީފި އެވެ.
ބަންޑާރަކޮށީގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން ފައިސާގެ ރަމްޒީ ޗެކް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި ޗެކާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު އުމަރެވެ. ކައްދޫ އެއަރޕޯޓްގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދު ހަވާލުކޮށްދެއްވާފައިވަނީ ދެލައްކަ ސާޅީސް ހަތްހާސް ހަތަރު ސަތޭކަ ހަތްދިހަ އެއް ޑޮލަރުގެ ފައިސާގެ އެހީއެއް ކަމަށް އެމްމެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރެއްވި މިފައިސާގެ އެހީއަކީ، އެމްއެންޑީއެފްއަށް އިންޑިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރާ ދެވަނަ އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރު، ކައްދޫ އެއަރޕޯޓްގައި ޤާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށާއި، އެއަރޕޯޓްގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހެލިކޮޕްޓަރު ހެނގަރުގެ މަސައްކަތަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާކުރެއްވި އެހީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް