މަންދު ކޮލެޖުން އުރީދޫއާއެކު ފެށި ވާޗުއަލް ކެމްޕަހަށް ދެ އަހަރު ފުރުން ފްލޯޓިން ވިލާގައި ފާހަގަކޮށްފި

މަންދު ކޮލެޖުން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަތީ ތަޢުލީމު ދިނުމަށް ތަޢާރަފްކުރި ވަރޗުއަލް ޚިދުމަތަށް ދެ އަހަރު ފުރުން ފްލޯޓިންގް ވިލާގައި ފާހަގަކޮށްފި އެވެ. އެ ކޮލެޖުން ބުނީ ރާއްޖޭގެ ހުރި...

20 Dec 2015 | 06:52

މަންދު ކޮލެޖުން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަތީ ތަޢުލީމު ދިނުމަށް ތަޢާރަފްކުރި ވަރޗުއަލް ޚިދުމަތަށް ދެ އަހަރު ފުރުން ފްލޯޓިންގް ވިލާގައި ފާހަގަކޮށްފި އެވެ.

އެ ކޮލެޖުން ބުނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މަތީ ތަޢުލީމަށް ޝައުގުވެރިވެ، އެހެންނަމަވެސް އެ ފުރުޞަތު ނުލިބި ތިބި ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން 2013 ވަނަ އަހަރު މަންދު ކޮލެޖުން ފެށި ވަރޗުއަލް ކެމްޕަހަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާ ބާއްވާފައިވަނީ ޔޫ.އައި.ޕްލޯޓިންގް ވިލާގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

"މަންދު ކޮލެޖަކީ، ދިވެރހިރާއްޖޭގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ކޮލެޖް އަދި މި ޚިދުމަތްދޭ ހަމައެކަނި ކޮލެޖްވެސްމެ، އުރީދޫގެ ޕާރޓްނަޝިޕް މި ޕްރޮގްރާމަކީ އުރީދޫގެ  3G ލިބޭ ކޮންމެ ރަށެއްގައި ތިބި ދަރިވަރަކަށްވެސް މަންދު ކޮލެޖުގެ ހުރިހާ ކޯސްތަކެއްގައިވެސް ބައިވެރިވެވޭ ޕްރޮގްރާމެއް، މި ޚިދުމަތުގެ ޒަރީއާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުން، އެ ދަރިވަރުން ދިރިއުޅޭ ރަށެއްގައި ތިއްބާ، އެއް ކްލާސްރޫމެއްގެ ތެރެއަށް ގެނެސްދެވޭ، އަދި ކްލާސް ހިނގަމުންދާ ވަގުތު، އެކަކު އަނެކަކާ، އިންޓަރނެޓް މެދުވެރިނުކޮށް ރިއަލް ޓައިމްކޮށް މުޢާމަލާތް ކުރެވޭނެ މަގު ތަނަވަސްކޮށްދެވޭ، މި ވަސީލަތް ޤާއިމު ކުރެވިފައިވަނީ، އުނގަންނައިދިނުމާއި އުނގެނުމުގެ ފެންވަރަށް ނޭދެވޭ އެއްވެސް ބަދަލެއް ނާންނާނޭ ގޮތުގެ މަތިން" އެ ކޮލެޖުން ހާމަކުރެ އެވެ.

އެ ކޮލެޖުން ހާމަކުރާ ގޮތުގައި ވަރޗުއަލް ކެމްޕަހަށް ދެ އަހަރު ފުރުން ފާހަގަ ކުރާއިރު، މި ކޮލެޖުންވަނީ ދެ އަހަރުގެ ތެރޭގައި 20 އަތޮޅުގެ 180 އަށްވުރެ ގިނަ ރަށުގައިތިބި 1500 އަށްވުރެ ގިނަ ދަރިވަރުންނަށް މި ޚިދުމަތް ފޯރުކޮށްދީފައެވެ. ރާއްޖޭގެ މަތީ ތަޢުލީމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމުގެ ޝަރަފާއިއެކު، ގިނަ ދަރިވަރުންތަކެއްގެ އިތުބާރު ލިބިފައިވާ މަންދު ކޮލެޖުން މިއަދު މިވަނީ މަތީ ތަޢުލީމު ހޯދުމަށް އެދޭ ފަރާތްތަކަށް ހުރި ގިނަ އުނދަގޫތަކެއް ފިލުވައިދީފައެވެ. މިގޮތުން ރަށުގައި ތިބެ، އާއިލާއާ ރަހްމަތްތެރިންނާއެކު ވަޒީފާގެ ޒިންމާތައް އަދާކުރަމުން މަތީ ތަޢުލީމު ހާޞިލުކުރެވޭނޭ މަގުވަނީ ފަހިވެފައެވެ. އަދި މި ޚިދުމަތް މަންދު ކޮލެޖުންވަނީ ކާމިޔާބުކަމާއެކު ދެ އަހަރު ތެރޭ ފުޅާކޮށްފައެވެ. 9 އަހަރުގެ ދިގު މުއްދަތެއްގައި ދިރާސާކުރެވިގެން ފަރުމާކުރެވިފައި މި ޚިދުމަތަށް ދެ އަހަރު ފުރުން ފާހަގަކުރާއިރު، މި ޚިދުމަތް ބޭނުންކޮށްގެން ކިޔަވައިދެއްވި ޓީޗަރުންވަނީ މި ޚިދުމަތް މެދުވެރިކޮށް އުނގަންނައިދިނުމުގެ އުސޫލުތަކާއި، ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި މި ޚިދުމަތް ބޭނުންކޮށްގެން ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުން ފާހަގަކުރާ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން އެއް ކުލާސްރޫމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބުމަކީ، އެ ދަރިވަރުންނަށް ޢިލްމް، ހުނަރު އަދި ތަޖުރިބާ ހިއްސާކުރެވޭނެ މަގުފަހިވެ އެ ދަރިވަރުންގެ ވިސްނުން ފުޅާވެގެންދިއުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.

"ދެ އަހަރު ދުވަހުގެ ތެރޭގައި މަންދު ކޮލެޖުންވަނީ ދިވެހިރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގައިވެސް ދަރިވަރުންނަށް ވަރޗުއަލް ޚިދުމަތް މެދުވެރިކޮށް ބައިވެރިވެވޭނެ މަގުފަހިކޮށްދީ، މީގެ ސަބަބުން ދަރިވަރުންގެ ފިކުރާއި ވިސްނުން ފުޅާވުމަށް އިތުރު ފުރުޞަތުތަކެއް ހޯދައިދީފައި، ހަމަ މިއާއެކު، މި ޚިދުމަތް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުގެ ފަންނީ މާހިރުން މެދުވެރިކޮށް މަންދު ކޮލެޖުގެ ކޯސްތަކުގައި ކިޔަވައިދިނުމަކީ މި ޚިދުމަތަށާއި ދަރިވަރުންނަށް ލިބުނު އިތުރު ކުރިއެރުމެއް" އެ ކޮލެޖުން ހާމަކުރެ އެވެ.

މަންދު ކޮލެޖުން އިތުރަށް ބުނީ އެ ކޮލެޖުގެ އަމާޒަކީ މި ޚިދުމަތުގެ ސަބަބުން މަތީ ތަޢުލީމު ހޯދުމަށްހުރި ގޮންޖެހުންތައް ފިލުވައިދީ، ހަމަމިއާއެކު، ދަރިވަރުން ޝައުގުވެރިވާ ތަފާތު ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު އެ ދަރިވަރެއްގެ ރަށުން ފޯރުކޮށްދީ، 21 ވަނަ ގަރުނަށް އެކަށޭނަ އުނގެނުމާއި އުނގަންނައިދިނުމުގެ މާހައުލެއްގެ ތެރެއިން ދަރިވަރުންނަށް މަތީ ތަޢުލީމުގެ ގިނަ ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށެވެ.  މަންދު ކޮލެޖާއި އޫރިދޫގެ ޢަޒުމަކީ، ކުރިއަށް އޮތް ތަނުގައިވެސް، ވަރޗުއަލް ކެމްޕަސްގެ ޛަރީޢާއިން ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމާއެކު، ފެންވަރު މަތިކުރުން ކަމަށްވެސް މަންދު ކޮލެޖުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް