އަލީ އުމަރު މަނިކު އަވަހާރަވުމުން ގެއްލިގެން އެދިޔައީ ނުހަނު އަގުހުރި ދިވެހި ދަރިއެއް: އެމްޑީޕީ

އަލީ އުމަރު މަނިކު އަވަހާރަވުމުން ގެއްލިގެން އެދިޔައީ ނުހަނު އަގުހުރި ދިވެހި ދަރިއެއް ކަމާއިމެދު ޝައްކެއް ނެތް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީން މިހެން ބުނެފައިވަނީ އަލްފާ...

20 Dec 2015 | 06:14

އަލީ އުމަރު މަނިކު އަވަހާރަވުމުން ގެއްލިގެން އެދިޔައީ ނުހަނު އަގުހުރި ދިވެހި ދަރިއެއް ކަމާއިމެދު ޝައްކެއް ނެތް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު ރޭގެ ވަގުތެއްގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވެ އަދި މި ހިތާމަވެރި ވަގުތުގައި އެ މަރުޙޫމްގެ އާއިލާއަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވައި ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު ޚާއްޞަގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައިވަނީ ޤައުމީ ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އަދި ރާއްޖޭގެ އިޤުތިޞާދާއި ވިޔަފާރީގެ މައި ތަނބެއްގެ ގޮތުގައި ކަމަށާއި މިރޮނގުން މަތިވެރި ކާމިޔާބީއެއް ހޯއްދަވާފައިވާ އާދަޔާ ޚިލާފު ޝަހުސިއްޔަތެއްގެ ގޮތުގައި ކަމަށެވެ.

"އިޤުތިޞާދާއި ވިޔަފާރީގެ ރޮނގުގެ އިތުރުން ވެސް އެމަނިކުފާނުވަނީ ދިވެހި ސަރުކާރަށް ވަރަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި، އަދި ވަކިން ޚާއްޞަގޮތެއްގައި އަލްމަރުޙޫމް އިބްރާހީމް ނާސިރުގެ ރައީސްކަމުގައި ދިވެހިރާއްޖޭގެ ނައިބު ރައީސްކަމުގެ މަތިވެރި މަޤާމު ފުރުއްވާފައިވޭ، އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކު އަވަހާރަވުމުން ގެއްލިގެން އެދިއައީ ނުހަނު އަގުހުރި ދިވެހި ދަރިއެއްކަމާމެދު ޝައްކެއްނެތް، އަދި އެއީ އެންމެހައި ދިވެހީންނަށް ލިބިގެންދިއަ ފުން ހިތާމައެއް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކުގެ ފުރާނަ ފުޅަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް ލެއްވުމަށް ދުޢާކުރާ ހިނދު، އެމަނިކުފާނުގެ އާއިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް