ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް، ގާނޫނު އަސާސީގެ އިސްލާހު ތަސްދީގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރަ...

20 Nov 2024 | 16:47

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާއެކު، މިއަދުން ފެށިގެން އަމަލު ކުރާ ގޮތަށް ވަނީ ގެޒެޓުކޮށްފައެވެ.

މަޖިލީހުން ގާނޫނު އަސާސީ އިސްލާހު ކުރީ، މިއަދު ބިލު ހުށަހަޅައި، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް ފަހު މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެ ބިލް މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ 75 މެންބަރުންގެ ތާއީދާ އެކުގައެވެ.

ގާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ.

މިއަދު ހަވީރު ބޭއްވި ޖަލްސާގައި ބިލާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަމުންދަނިކޮށް ވޯޓަށް އަހައި، 78 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް