ގާނޫނު އަސާސީއަށް އެންމެ ހަލުވި ސްޕީޑެއްގައި ގެނައި އިސްލާހުގެ ގޮތުގައި ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ގާނޫނު އަސާސީއަށް އެންމެ ހަލުވި ސްޕީޑެއްގައި ގެނައި އިސްލާހު ކަމުގައިވާ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވުމަށްފަހު އެ ދައުރުތެރޭގައި ޕާޓީ ބަ...

20 Nov 2024 | 16:29

ގާނޫނު އަސާސީއަށް އެންމެ ހަލުވި ސްޕީޑެއްގައި ގެނައި އިސްލާހު ކަމުގައިވާ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވުމަށްފަހު އެ ދައުރުތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާސްކުރައްވައިފިއެވެ.

ސަރުކާރު ފަރާތުން މި ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެ އިސްލާހުގައިވާގޮތުން ޕާޓީ ބަދަލުކޮށްފިނަމަ އަދި ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭނެއެވެ. އަދި މިނިވަން މެންބަރަކު ޕާޓީއަކާ ގުޅިއްޖެނަމަވެސް މެންބަރުކަން ގެއްލޭނެއެވެ.

މިއަދު މަޖިލީހަށް ހުށަހެޅިގެންދިޔަ އެ ބިލުގެ ބަހުސް މަރުހަލާ މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށްގެންގޮސް ރޯލްކޯލް ވޯޓަކުން އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށް ތަޅުމުގައިވެސް އެ ބިލު ފާސްވެގެންދިޔައީ ސަރުކާރު ކޯލީޝަނަށް ނިސްބަތްވާ 78 މެންބަރުންގެ ވޯޓުންނެވެ.

ބިލު މަޖިލީހުން ފާސްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މިވަނީ ބިލު ތަސްދީގުވެސް ކުރައްވާފައެވެ. މިއީ ގާނޫނު އަސާސީއަށް ގެނެވިގެންދިޔަ އިސްލާހެކެވެ.

މިއީ ގާނޫނު އަސާސީއަށް ގެނެވުނު ހަ ވަނަ އިސްލާހެވެ.

އެ އިސްލާހުގެ އިތުރުން ދެވަނައަށް އެންމެ މުހިންމު އިޞްލާޙެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލު ފާހަގަކުރެވެއެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. މި އިޞްލާޙުގައި ރާއްޖޭގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިޞްލާޙާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކުރެވިފައެވެ. މިގޮތުން، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި އިޞްލާޙުގެ ދަށުން ލިބިދެއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިޞްލާޙުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެއެވެ.

މީގެއިތުރުން މި ބިލުގައި ޤާނުނުއަސާސީގެ 262 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް ވަނީ 2 ނަންބަރު އިތުރުކުރެވިފައެވެ. މިގޮތުން، ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް