ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހެއްގެ ހާލު ސީރިއަސް ވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިރޭ 07:42 ހާއިރު އެކްސިޑެންޓް ވެފައިވަނީ ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި ތިން ސައިކަލެއްގައި ޖެހިގެންނެވެ.
ސެންޓްރަލް ޕާކު ކައިރިން ހިނގި މި އެކްސިޑެންޓްގައި ތިން ސައިކަލުން ދެ ސައިކަލެއްގައި ތިބި ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި ހަތަރު މީހަކަށް، އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުން" ފުލުހުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން އިތުރަށް ބުނެފައިވަނީ އެތަނުން އެއް އަންހެނަކާއި އެއް ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ބަހެއް ލިބިފައިނުވާތީ އެމީހުންގެ ހާލަތާއިމެދު އަދި ލިބިފައިވާ އަނިޔާއާއިބެހޭގޮތުން ކޮމެންޓެއް ލިބިފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް