ރިޔާސީ އިންތިހާބުގެ ދެބުރު މެދުން އަދި އެއަށްފަހު ދީފައިވާ ގޯއްޗެއް ވިޔަސް ފްލެޓެއްވިޔަސް އެކަން ރިވިއު ކުރާނަން: ހައުސިން މިނިސްޓަރު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް އެ ލިސްޓެއް ރިވިއު ކުރާނެ ކަމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑ...

20 Nov 2023 | 13:48

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް އެ ލިސްޓެއް ރިވިއު ކުރާނެ ކަމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ހައިދަރު މިހެން ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރިއށް ގެންދެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައެވެ.

މައިގަނޑުގޮތެއްގައި މިނިސްޓަރު ވިދާޅުވީ ދެ ބުރު ދޭތެރޭގައި ދޫކޮށްފައިވާ ފްލެޓާއި ގޯއްޗާއި ލިސްޓުގައި އެވަނީ ހައްގުވެރިންތޯ ބަލާ ރިވިއު ކުރާނެ ކަމަށާއި އަދި ބިން ނެތް ތަންތަނުން މޫދުންނާއި ކަނޑުން ދޫކޮށްފައިވާ ރަޖިސްޓްރީ ގަވާއިދަށް ނުފެތޭ ކަމަށެވެ.

މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އިންތިހާބުވުމަށްފަހު، އިންތިހާބީ ރައީސެއްގެ ގޮތުގައި ހުންނެވި އިރު ފްލެޓާއި ގޯތީގެ މަސައްކަތްތައް މަޑު ޖައްސާލުމަށް އަންގާފައިވަނިކޮށް އެކަންކަން އަވަސް އަރުވާލައިގެން ކުރިއަށްގެންދިއުންވެސް ގޯސް ކަމަށާއި އެހެންކަމުންވެސް އެކަމުގައި ގޯހެއް އުޅޭތޯ ބަލާ ރިވިއު ކުރަންޖެހޭކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

އެހެން ނަމަވެސް ފުރަތަމަ ބުރަށްވުރެ ކުރިން ދޫކޮށްފައިވާ ގޯއްޗެއްވެސް ފްލެޓެއްވެސް ނާތުލާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒުވެސް އަރުވާކަމުގައިވެސް ޑރ. ހައިދަރު ވިދާޅުވިއެވެ.

ޑރ. ހައިދަރު މިއަދު ދެއްވި ޕްރެސްގައި ފެށިގެން ނިމުމާއި ހަމައަށްވެސް އެތައް ސުވާލެއް އުފެދޭ ގޮތަށް އަދި އެތަކެއް އޮޅުމެއް އަރާގޮތަށް ވާހަކަތައް ދިޔަނަމަވެސް ތަކުރާރު ކުރެއްވީ ހަމަ އެއް ވާހަކަފުޅުތަކެކެވެ. އެއީ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު އަދި އިންތިހާވުމަށްފަހުގައި ދޫކޮށްފައިވާ ބިމެއް ނަމަވެސް ފްލެޓެއް ނަމަވެސް ރިވިއު ކުރާނެ ކަމަށާއި ގާނޫނީ ލަފާ ހޯދާނެ ކަމަށާއި އަދި އޭސީސީގެ ލަފާވެސް ހޯދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް