ދިރާސީ އަހަރު ބަދަލުކުރާނީ މަޝްވަރާތަކަށްފަހު: އެޑިއުކޭޝަން

ދިރާސީ އާ އަހަރު ރަސްމީކޮށް ބަދަލުކުރާނީ ކަމާގުޅޭ ބޭފުޅުންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އައު ވަޒީރު ޑރ. އިސްމާއިލް ޝަފީއު...

20 Nov 2023 | 11:40

ދިރާސީ އާ އަހަރު ރަސްމީކޮށް ބަދަލުކުރާނީ ކަމާގުޅޭ ބޭފުޅުންނާ މަޝްވަރާކުރުމަށްފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އައު ވަޒީރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ވެރިންނާއި މިއަދު ބައްދަލުކުރެއްވައި ދެއްކެވި ވާހަކަފުޅުގައި ދިރާސީ އާ އަހަރު ފެށުން 2025 އިން ފެށިގެން ޖަނަވަރީއަށް ބަދަލުކުރުމުގެ ވާހަކަ ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކުން ތަކުރާރުކޮށް ސުވާލު ކުރުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ އެކަން އަދި ނިންމާނީ ކަމާ ގުޅޭ ބޭފުޅުންނާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

"އަދި ރިސޯޓް ތަކުގެ މުވައްޒަފުންނަށްވެސް އަހަރުގެ މެދުތެރޭން އެކަށީގެންވާވަރުގެ ޗުއްޓީއެއް ލިބޭގޮތަށް" މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެގޮތަށް ބަދަލުކުރާނެ ތާރީހާއި އިތުރު ތަފްސީލު އެ މަޝްވަރާތަކަށްފަހު ހިއްސާ ކުރާނެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި މާލޭ ސްކޫލެއްގެ ޕްރިންސިޕަލަކު މިއަދު ވިދާޅުވީ 2025 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ފަށަން ނިންމާފައިވާކަމުގައި މިނިސްޓަރު އެ ބައްދަލުވުމުގައި ސްކޫލުތަކުގެ ވެރިންނަށް ދެންނެވިއެވެ. އަދި އެއީ ސްކޫލުތަކުގެ ގިނަ ވެރިން ވަރަށް ބޭނުންވާގޮތެއް ކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ޕްރިންސިޕަލް ވިދާޅުވިއެވެ.

ދިރާސީ އާ އަހަރު ޖެނުއަރީ މަހަށް ބަދަލުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އެކަމުގެ ތަސައްލީއެއްގެ ގޮތުގައި ދިރާސީ އަހަރުގެ މެދުތެރެއިން ކުޑަ ނޫން އިތުރު ޗުއްޓީއެއް ހިމެނޭހެން ކަންކަން އިންތިޒާމު ކުރުމަކީ އައު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް