ފީފާ ވޯލްޑް ކަޕް 2022: މުބާރާތް ފެށި މެޗުން، މުބާރާތް ބާއްވާ ގައުމު ގަތަރު ބަލިވެއްޖެ

ފީފާ ވޯލްޑް ކަޕް 2022 މުބާރާތް ހުޅުވި މެޗުގައި، މުބާރާތް ބާއްވާ ގައުމު ގަތަރު އެކުއެޑޯއާ ވާދަކޮށް 2-0 ގެ ނަތީޖާއިން ބަލިވެއްޖެއެވެ. މިއީ މުބާރާތް ބާއްވާ ގައުމު، މުބާރާތް ހުޅުވާ މެޗުގައި ކުޅެ ބަލިވި ފު...

20 Nov 2022 | 18:03

ފީފާ ވޯލްޑް ކަޕް 2022 މުބާރާތް ހުޅުވި މެޗުގައި، މުބާރާތް ބާއްވާ ގައުމު ގަތަރު އެކުއެޑޯއާ ވާދަކޮށް 2-0 ގެ ނަތީޖާއިން ބަލިވެއްޖެއެވެ. މިއީ މުބާރާތް ބާއްވާ ގައުމު، މުބާރާތް ހުޅުވާ މެޗުގައި ކުޅެ ބަލިވި ފުރަތަމަ ފަހަރެވެ.

މެޗު ފެށިގެން ގަތަރަށް އެއްވެސް ފުރުސަތެއް ނުދީ އެކުއެޑޯއިން ދިޔައީ މޮޅަށް ކުޅެ ހަމަލާތައް އުފައްދަމުންނެވެ. މެޗު ފެށިގެން 5 ވަނަ މިނިޓުގައި އެކުއެޑޯއިން ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން ގަތަރުގެ ކީޕަރުއެރި ނަމަވެސް، އެ ބޯޅަ އަތުނުލެވުމުގެ ފައިދާ ނަގައި، އެކުއެޑޯގެ ވެލެންސިއާ ލަނޑު ޖެހިއެވެ. އެހެނަސް، ވީއޭއާރ ބެލުމަށްފަހު، ރެފްރީ ނިންމީ އެ ލަނޑު ޖެހުމުގެ ކުރިން އޮފްސައިޑް ވެފައިވާ ކަމަށެވެ.

މޮޅަށް ކުޅެމުންދިޔަ އެކުއެޑޯއިން އޭގެ އިރުކޮޅެއްފަހުން، މެޗުގެ 16 ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނެގިއެވެ. މިއީ އެކުއެޑޯއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ވެލެންސިއާ ޖެހި ލަނޑެކެވެ. އެކުއެޑޯއަށް ޕެނަލްޓީ ލިބުނީ އެކުއެޑޯގެ މެންޑެސް ކުރިޔަށް ދުއްވި ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަން ވެލެންސިއާއަށް ގަތަރުގެ ކީޕަރު ފައުލް ކުރުމުންނެވެ.

ގަތަރަށް ރަނގަޅު ކުޅުމެއް ނުދެއްކި، ލިބޭ ބޯޅަތައް ތަކުރާރުކޮށް ގެއްލުވާލެވުމުގެ ނަތީޖާއަކަށްވީ އެކުއެޑޯއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑް ފުޅާކުރުމެވެ. އެންޖެލޯ ޕްރެސިއާޑޯ ހުރަސްކޮށްލި ބޯޅައަކުން، ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެން މެޗުގެ 31 ވަނަ މިނިޓުގައި މި ލަނޑު ޖެހީ ވެލެންސިއާއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަތަރުން ކުޅުން ރަނގަޅުކޮށްލިއިރު، ހާފު ނިމެނިކޮށް، އަލް މޮއެޒް އަލީއަށް ލިބުނު ހުސް ފުރުސަތު އޭނާއަށް ބޭނުންކުރެވޭގޮތެއް ނުވިއެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ގަތަރުން މެޗުގެ ތެރެއަށް ވަދެ ހަމަޖެހިލިކަން ފާހަގަކުރެވުނެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، މެޗުގައި އިތުރު ލަނޑެއް ނުފެނުނެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލެންސިއާއަށް އަނިޔާވެގެން ދެ ވަނަ ހާފުގައި ވަނީ ބަދަލުކޮށްފައެވެ. މި މެޗުގައި ޖެހި ލަނޑުތަކާއެކު ވެލެންސިއާ ވަނީ، ވޯލްޑް ކަޕްގައި އެކުއެޑޯއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ.

މި މެޗުން ބަލިވުމާއެކު، ގަތަރަށް ދެން ކުރިޔަށް ދިއުމަށް އޮތީ ވަރަށް އުނދަގޫ މަގެކެވެ. މި ގްރޫޕްގައި ގަތަރުން ދެން ވާދަކުރަން ޖެހޭނީ ސެނެގާލް އަދި ނެދަލެންޑްސް އާއެވެ.

ގަތަރު އެކުއެޑޯ
0 ލަނޑު 2
40% ބޯލް ޕޮޒިޝަން 46%
0 ޝޮޓް އޮން ޓާގެޓް 3
5 ޝޮޓް އޮފް ޓާގެޓް 2
434 (80%) ޕާސްތައް (ކާމިޔާބު މިންވަރު) 486 (84%)
4 ރީނދޫ ކާޑު 2
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް