ބޮލީވުޑްގެ ބަތަލް ރިތިކް ރޯޝަން އާއި ލޯބިވެރިޔާ ސަބާ އާޒާދު، އެއް ގެއެއްގައި ދިރިއުޅެން ފަށަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރު ދޮގުކޮށްފި އެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުނީ މިއަހަރު ކުރީކޮޅު އެވެ. ފުރަތަމަ ވަރަށް ސިއްރުން އުޅުމަށް ފަހު ފަހުން ދެމީހުން ވަނީ ރަސްމީކޮށް ގުޅުން އޮންނަކަން ހާމަކޮށްފައި އެވެ.
އޭގެ ފަހުން އާއިލީ ބައްދަލުވުންތަކުންނާއި ޕާޓީތަކުން ރިތިކާއި ސަބާ އެއްކޮށް ފެނެ އެވެ.
މިފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ދެ ލޯބިވެރިން ދަނީ އެއް ގެއެއްގައި ދިރިއުޅެން ފަށަން ތައްޔާރުވަމުންނެވެ. އެ ދެމީހުން ބަދަލު ވަނީ އިންޑިއާގެ މުމްބާއީގެ މަންނަތް ކިޔާ އިމާރާތެއްގެ އެޕާޓްމެންޓަކަށް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ވާގޮތުން އެމީހުން ކުއްޔަށް ހިފީ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގެ ދެ އެޕާޓްމެންޓެވެ. އަދި މިހާރު އެތަން މަރާމާތުކޮށް ޑިޒައިން ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ހަބަރު ދޮގުކޮށް ރިތިކް ކުރި ޓުވީޓެއްގައި ބުނީ މަޝްހޫރު މީހަކަށް ވާތީ އޭނާ އާއި ގުޅޭ މައުލޫމާތު ހޯދަން ވަރަށް ގިނަ މީހުން ޝައުގުވެރިވާނެ ކަމަށެވެ. އެކަމަކު ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށާއި ދެމީހުން އެއްކޮށް ގެއަކަށް ބަދަލުވާ ވާހަކައަކީ ދޮގެއް ކަމަށް ރިތިކް ބުނެފައިވެ އެވެ.
ރިތިކާއި ސަބާގެ ގުޅުން ރަސްމީކޮށް ހާމަ ކުރީ ކަރަން ޖޯހަރުގެ50 ވަނަ އުފަންދުގެ ޕާޓީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް