ވޯލްޑްކަޕައި ދިމާކޮށް، ދީނީ ނަސޭހަތް ދިނުމަށް ޒާކިރު ނައިކް ގަތަރަށް!

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕާއި ދިމާކޮށް ދީނީ ނަސޭހަތް ދިނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް އެ ގައުމަށް ވަޑައިގެންފި އެވެ. މިއީ އިސްލާމީ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. ގަތަ...

20 Nov 2022 | 08:51

މިރޭ ގަތަރުގައި ފަށާ ވޯލްޑް ކަޕާއި ދިމާކޮށް ދީނީ ނަސޭހަތް ދިނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް އެ ގައުމަށް ވަޑައިގެންފި އެވެ.

މިއީ އިސްލާމީ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. ގަތަރުން ދަނީ އިސްލާމީ ޝަރީއާ ހުއްދަ ނުކުރާ ގިނަ ކަންކަން މަނާކޮށް އިސްލާމީ ޝިއާރުތައް ވޯލްޑް ކަޕް މުބާރާތް ކުރިޔަށްދާ ސަރަހައްދުތަކުގައި ފާޅު ކުރަމުންނެވެ.

ގަތަރުގެ މަޝްހޫރު ކުޅިވަރު ނޫސްވެރިއަކު ކޮށްފައިވާ ޓުވީޓަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާ ރައްޔިތެއް ކަމަށްވާ ޒާކިރު ނައިކް އެ ގައުމަށް ވަޑައިގެންނެވީ މެލޭޝިއާއިންނެވެ. އަދި ވޯލްޑްކަޕް ކުރިޔަށްދާ މަހެއްހާ ދުވަހު އޭނާ ހުންނާނީ ގަތަރުގައި ކަމަށް ބުންޏެވެ.

އެ މުއްދަތުގައި އެކި ސަރަހައްދުތަކުގައި އިސްލާމް ދީނުގެ ރަނގަޅު ގޮތް ބުނެދިނުމަށް ދީނީ ދަރުސްތައް އޭނާ ކުރިޔަށް ގެންދަވާނެ އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އޭނާ ގަތަރަށް ވަޑައިގެންނެވީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށެވެ.

އިންޑިއާ ރައްޔިތަކަށް ވިޔަސް އޭނާ އަކީ އެ ގައުމުގެ ނެޝަނަލް އިންވެސްޓިގޭޓިވް އެޖެންސީ އާއި އެންފޯސްމެންޓު ޑައިރެކްޓަރޭޓް ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ. އެއީ ޒާކިރް ނައިކުގެ ޖަމިއްޔާ ކަމަށްވާ އިސްލާމިކް ރިސާޗް ފައުންޑޭޝަނުން އިސްލާމް ދީން ޕްރޮމޯޓު ކުރަން އެ ގައުމުގައި ހިންގި ހަރަކާތްތަކާއި ގުުޅިގެންނެވެ.

އެ ޖަމިއްޔާ މަނާކޮށް އާއި ޒާކިރު ނައިކް އިންޑިއާއިން ހޯދާ މީހުންގެ ލިސްޓަށް އެރުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެނީ ގައުމުން ބޭރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް