ޝެފުންގެ ގޮތުގައި ދިވެހިން ޓޫރިޒަމް ދާއިރާއަށް ނުކުތުމަކީ މުހިންމު ކަމެއް: ރައީސް

ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސް އިބްރާހީމް މުޙައް...

20 Nov 2022 | 03:55

ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022" ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތަޢާރަފުކުރި މި ދާއިރާގެ ފުރަތަމަ އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވާ މިންވަރަށް ދިވެހި ކަލިނަރީ ފަންނުވެރިން ނުއުފެދޭކަމަށެވެ. އެހެންނަމަވެސް މި ފަންނަކީ ދިވެހި ޒުވާނުން ކުރިމަތިލާން ރަނގަޅު ފަންނެއް ކަމަށާ ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، މި ފަންނު ރާއްޖޭގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޝެފުންގެ އިސްނެގުމާއެކު ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފެއްދުންފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖެނަމަ އެއީ ދިވެހި ފަތުރުވެރިކަމަށާއި ޤައުމަށް ލިބޭ ކުރިއެރުމަކާއި ރީތި ނަމަކަށް ވާނެކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީޚުގައިވެސް، ކަލިނަރީ ދާއިރާއިން ޚާއްޞަ އެވޯޑެއް ތަޢާރަފްކޮށް، އެ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ޙަފްލާގައި އެވޯޑް ޙާޞިލުކުރި ހުރިހާ ފަރާތްތަކަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ޙަފްލާގެ އެންމެ ޝަރަފުވެރި އެވޯޑްތައް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި ޙަފްލާގައި "ޔަންގ ޝެފް އެވޯޑް"އާއި "ސޫ ޝެފްސް" އެވޯޑް" ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް