ޕްރިމިއާ ލީގު: ޔުނައިޓެޑަށް އަނެއްކާވެސް ލަދުވެތި ބައްޔެއް

ޕްރިމިއާ ލީގުގައި މިރޭ ވޮޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުންް ޔުނައިޓެޑް ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 1-4 ގެ ނަތީޖާއިންނެ...

20 Nov 2021 | 18:38

ޕްރިމިއާ ލީގުގައި މިރޭ ވޮޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުންް ޔުނައިޓެޑް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 1-4 ގެ ނަތީޖާއިންނެވެ.

ވެޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ވެސް ވެޓްފޯޑުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ވޮޓްފޯޑަށް ވަނީ ޕެމަލްޓީ އެއްވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ ސާ ފޮނުވާލި އެ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ. އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ޖޯޝުއާ ކިންގް ވަނީ ލަނޑެއް ޖަހާ ވޮޓްފޯޑަށް މެޗުގައި ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އިސްމާއިލާ ސާ ވަނީ ވެޓްފޯޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފަ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ވޮޓްފޯޯޑުން ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޑޮނީ ވެންޑަބީކް ވަނީ ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ދެވަނަ ހާފުގައި ކުޅެން އެރި ވެންޑަބީކް މި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއި އެކުގައެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނިކޮށް އިތުރު މައްސަލަތަކެއް އެޓީމަށް ކުރިމަތިވީ މެޗުގެ 69 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު އެޓީމުގެ ޑިފެންޑަރު ހެރީ މެގުއާ އަށް ރަތްކާޑު ދެއްކުމުންނެވެ. 10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ޔުނައިޓެޑުން ފުރިހަމަ ކުރިއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވޮޓްފޯޑުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާއޯ ޕެޑްރޯ އާއި އެމަނުއަލް ޑެނިސް އެވެ.

މިރޭގެ މެޗުން ޔުނައިޓެޑް ބަލިވިއިރު، މިއީ މިފަހަރުގެ ސީޒަނުގައި އެޓީމު ބަލިވި ފަސްވަނަ މެޗެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ ކުޅުނު 12 މެޗުން ލިބުނު 17 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. ޔުނައިޓެޑް އަތުން މޮޅުވި ވޮޓްފޯޑް އޮތީ ކުޅުނު 12 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް